ކުރީގެ ނާއިބުރައީސް އަހުމަދު އަދީބަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި އަދީބަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި އަދީބު މިވަގުތު އޮންނެވީ އައިޖީއެމްއެޗުގައި އޮބްޒަވޭޝަންގައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ކަރެކްޝަނުން ބުނީ އަދީބު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ ނިތްކުރި ދުޅަވެފައި ހުރުމުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފާޚާނާގައި އުޅުއްވަނިކޮށް ލިބުނު އަނިޔާއެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ކަރެކްޝަނުގެ އޮފިސަރު މައުލޫމާތު ދެއްވިއެވެ. އަދި ފާޚާނާގައި ބޯ ޖެހުނު ގޮތުގެ އިތުރު ތަފްސީލެއް އަދީބު ހިއްސާ ކުރައްވާފައި ނުވާ ކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލުހުކުމް ބާތިލްކޮށްފައި ވަނިކޮށް ޓަގު ބޯޓެއްގައި ގައުމުން ފިއްލަވައިގެން ވަޑައިގެން އުޅުއްވަނިކޮށް އިންޑިއާގެ ޓުރިކޮރިން ބަނދަރުން ވަނީ އަތުލައިގެންފައެވެ. އަދި އިންޑިއާ ސިފައިން އަދީބު ދިވެހި ފުލުހުންނާ ހަވާލުކުރުމުން އަނބުރާ ރާއްޖެ ގެނެސް، މިވަގުތު އަދީބު ހުންނެވީ އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.
ކުރީގެ ނާއިބުރައީސް އަހުމަދު އަދީބަށް އައިޖީއެމްއެޗުގައި ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ