ވެރިކަމުގެ ސައްހަކަން ވަނީ ގެއްލިފައި: ގާސިމް އިބްރާހިމް

ވެރިކަމުގައި ހުރުމަށް މިއަދުގެ ރައީސް އަބުދުﷲ ޔާމީން ލަދުވެތިވާންޖެހޭކަމަށާ ގައުމުގެ ކަންކަން އިސްލާހު ނުކުރެވޭނަމަ އިސްތިއުފާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ މ ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން،ނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިސަރުކާރު އުފެދުނީ ރައީސް މައުމޫނާއި، އެހެންވެސް ސިޔާސީ އެތަށް ލީޑަރުންނެއް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. ނަމަވެސް މިއަދު އެއިން އެއްވެސް ލީޑަރެއްގެ ތާއީދު ރައީސް ޔާމީނަށް ނެތްކަމަށާ މިއަދު ވެރިކަމުގައި ހުރުމަށް ރައީސް ޔާމީން ލަދުވެތިވާންޖެހޭނެކަމަށެވެ.
"ރައީސް މައުމޫން ވިދާޅުވަނީ ތާއީދު އަނބުރާ ގެންގޮސްފީމޭ. އަޅުގަނޑު މި ދަންނަވަނީ ތާއީދު އަނބުރާ ގެންގޮސްފީމޭ. އެހެންވީމަ މި ދަންނަވަނީ މިއަދު ލަދުވެތިވާންޖެހެއޭ ރައީސް ޔާމީން ވެރިކަމުގައި ހުންނެވުމަށް". ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރަމުންދަނީ ވެރިކަން ބަދަލުކުރުމަށް ނޫންކަމަށާ މަގްސަދަކީ ގައުމުގެ ކަންކަން ހަމަޔަކަށް އެޅުވުންކަމަށެވެ.
ގައުމުގެ ކަންކަން ހަމަމަގަށް ނޭޅުވޭނަމަ ވެރިކަމުގައި ރައީސް ޔާމީން ހުންނެވުމުގެ ބޭނުމެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ