ހުމާމުގެ މަރުގެ ހުކުމް ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަ ކުރުމަށް ދައުލަތުން އެމައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. މިހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ހުމާމްގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން މަރުގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުން އެމައްސަލަ އިސްތިއުނާފް ނުކޮށްފިނަމަ ކުށްވެރިޔާގެ ފަރާތުން އެމައްސަލަ އިސްތިއުނާފަށް ހުށަހަޅާނީ ދައުލަތުންނެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުމާމްގެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަަަމަށެވެ. ނަމަވެސް މައްސަލަ ބަލައިގަނެފައިވާ ކަން އަދި އެނގިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ