ސިއްހީ ދާއިރާގެ ވަރަށް ޚާއްސަ ބައިނަލްއަގުވާމީ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް ނިންމައި އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.
މި ކޮންފަރެންސަކީ އެވިޑެންސް ބޭސްޑް ޕްރެކްޓިސް ޗެމްޕިއަންސް - މޯލްޑިވްސް (އީބީޕީސީ-އެމް) އިން އިންތިޒާމު ކުރާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގެ އޯގަނައިޒިން ކޮމިޓީގެ ޗެއާ ޑރ. ފާތިމަތު ޝިފާޒާ ވީނިއުސްއަށް ވިދާޅުވީ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 14 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކަމަށެވެ.
ޝިފާޒާ ވިދާޅުވީ މިއީ އެ ޖަމްއިއްޔާއިން ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސް ކަމަށާއި މިއީ ސިއްހީ ދާއިރާއަށް ވަރަށް މުހިންމު ކޮންފަރެންސެއް ކަމަށެވެ.
މި ކޮންފަރެންސްގައި ބޭރުގެ 6 ގައުމަކުން ބައިވެރިވާއިރު ޖުމްލަ 39 މުއައްސަސާއަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެކި ގައުމުތަކުން ޖުމްލަ 160 މީހުން ކޮންފަރެންސްގައި ބައިވެރިވާނެއެވެ.
ޝިފާޒާ ވިދާޅުވީ މި ކޮންފަރެންސްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެން ތަމްސީލުކުރާނެ ކަމަށެވެ.
"މީގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގެ ހުރިހާ ދިމާއެއްގައި މަސައްކަތް ކުރާ މީހުން ބައިވެރިވާނެ. ސިއްހީ ދާއިރާއިން ކިޔަވައިދިނުމުގައި އުޅޭ ލެކްޗަރާއިންނާއި މި ދާއިރާއިން އެކިއެކި ރިސާޗުތައް ހަދާ މީހުންނާއި ދަރިވަރުންވެސް ބައިވެރިވާނެ" ޝިފާޒާ ވިދާޅުވިއެވެ.
ޝިފާޒާ ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ މި ދާއިރާގައި މަސައްކަތް ކުރާ އެންމެންނާއި ސިޔާސަތު ކަނޑައަޅާ މީހުން އެއްތަންކޮށް، އެކަކު އަނެކެއްގެ ތަޖުރިބާ ހިއްސާކޮށް، ސިއްހީ ދާއިރާއިން ހަދާފައި ހުރި ދިރާސާތަކުގެ ނަތީޖާއާއި މެދު މަޝްވަރާކޮށް، ދިރާސާތަކުގެ އަލީގައި ކަންކަން ނިންމާ ސަގާފަތެއް ގާއިމުކުރުން ކަމަށެވެ.
މި ކޮންފަރެންސްގައި އައިޖީއެމްއެޗާއި އޭޑީކޭއިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާއިރު އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ވެސް ބައިވެރިވާނެއެވެ. އަދި އާސަންދައާއި އެލައިޑް ފަދަ ހެލްތު އިންޝުއަރެންސްގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ސިއްހީ ދާއިރާގެ ވަރަށް ޚާއްސަ ކޮންފަރެންސަކަށް ރާއްޖެއިން ތައްޔާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ