ރިސޯޓުތައް ދިނީ އަގަކާ ނުލާ، އަޅުގަނޑު ބޮޑު އެއްޗެއް ވެސް ބޭނުމެއް ނޫން: ގާސިމް

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް، ސަރުކާރަށް ތިން ރިސޯޓު ދިނުމަށް ނިންމެވީ އެއްވެސް އަގަކާ ނުލައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގާއިމްކޮށްފައިވާ 10 ކަރަންޓީނު ފެސިލިޓީއަކުން 1،158 ކޮޓަރި (2،288 އެނދު) ހަމަޖެއްސި އިރު، އޭގެ ތެރޭގައި ގާސިމްގެ ރިސޯޓުތައް ހިމެނެއެވެ. އެއްވެސް އަގަކާ ނުލައި ސަރުކާރަށް ދޫކޮށްލި ތިން ރިސޯޓަކީ ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލޭންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓެވެ. ގާސިމްގެ އަނެއް ދެ ރިސޯޓު ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓު އަދި ދޫކޮށްލާފައި ނުވާ އިރު، އެ ދެ ރިސޯޓުގައި މިހާރު ވެސް ފަތުރުވެރިން އެބަތިއްބެވެ.
ސޯޝަލް މީޑިއާގައި މިވަގުތު އެންމެ ގަދަ އަށް ފެތުރެމުން އަންނަ އެއް ވާހަކައަކީ ކަރަންޓީނު ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް ގާސިމް ތިން ރިސޯޓު ދެއްވީ ފައިދާ އާއި މަންފާ ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު، ސޯޝަލް މީޑިއާގައި ދެކެވޭ އެ ހުރިހާ ވާހަކަތަކެއް ގާސިމް ވަނީ ދޮގު ކުރައްވައިފައެވެ.
ވީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ސިޔާސީ ބޮޑު ކުޅިގަނޑަކަށް މިކަން ހަދައިގެން އުޅުމަކީ ވަރަށް ދެރަވަރުކޮށް ހިނގާ ކަމެއް ކަމަށެވެ. އަދި ހިތާމައަކީ މިދަނޑިވަޅުގައި ވެސް އެކި ބާވަތުގެ ވިސްނުން ހުރި މީހުން ދިވެހިންގެ ތެރޭގައި އުޅޭތީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ކަރަންޓީނު ފެސިލިޓީގެ ގޮތުގެ ރިސޯޓުތައް ދޫކޮށްލުމަށް ފުރަތަމަ އެދިވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭގެކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯން ކޯލެއް މިސްވެފައި އޮތް ކަން ގާސިމް ފާހަގަކުރެއްވިއެވެ.
އެހެންވެ، ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށްޓަކައި ރިސޯޓުތައް ސަރުކާރަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަން ދެ ބޭފުޅުންނަށް ވެސް އެންގެވި ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން ހުންނެވީ ތައްޔާރަށެވެ.
ގާސިމް ވިދާޅުވީ އަލީ ވަހީދާ އެކު ކުރެއްވި މަޝްވަރާތަކުގައި ފަން އައިލެންޑްގައި ހުރި ކޮންމެ ކޮޓަރިއަކަށް 750ރ. ދޭން ސަރުކާރުން ބޭނުންވިއެވެ. އެކަމަކު، މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވާ ކަމެއްގެ ގޮތުގައި ނިންމަވާފައި "އެއްވެސް އިތުރު ޗާޖެއް" ނުކުރާ ގޮތަށް ނިންމެވި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށް ސަރުކާރަށް ދިން ތިން ރިސޯޓުގައި ހުރި ކޮޓަރިތަކުގެ އަދަދު 400 އާ ގާތް ކުރާނެއެވެ.
"އެކަމަކު، ދެންނެވިން އަޅުގަނޑުމެން އަތުގައި ހުރި ކާބޯތަކެތި ހުސްވީމަ، ކުރެވޭނެ ކަމެއް ނެތޭ. މިއަދު މިއުޅެނީ އެއްވެސް ލާރިއެއް، އެއްވެސް ދިމާލަކުން، ބޭންކަކުން ވެސް ނުލިބިގެންނޭ. އަޅުގަނޑުމެން މީހުންނަށް ދޭން ޖެހޭ ޕޭމަންޓުތައް ނުދެވި މިތިބީ ލާރި ނެތިގެން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރިސޯޓުތަކުގައި ހުރި ކާބޯތަކެތި ހުސްވަންދެން، ކަރަންޓީން ކުރާ މީހުންނަށް ދޭނެ ކަމަށެވެ. ކާބޯތަކެތި ހުސްވީމަ، ސަރުކާރުން އެހީތެރިވެގެން ކަރަންޓީނުގެ މުއްދަތުގައި ތިބޭ ބަޔަކަށް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން، ސަރުކާރުން ކިތަންމެ ކުޑަ އެއްޗެއް ވެސް، ބޮޑު އެއްޗެއް ދެއްވިޔަސް، މީގެ ބަދަލުގައި،" ވިލާ ގްރޫޕްގެ ޗެއާމަންކަން ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ވިޔަފާރީގެ ދާއިރާގައި ސާޅީހަކަށް އަހަރު ހޭދަކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ ކަރަންޓީނު ކުރަން ޖެހޭ މީހުން ބައިތިއްބަން ރިސޯޓުތައް ދެއްވީމަ، މިކަން ސިޔާސީކޮށްގެން، ސިޔާސީ މަންފާއެއް ހޯދުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ރަށްތައް ދިނުމުގައި ސަރުކާރާ އެކީގައި ހެދި އެއްވެސް ޑީލެއް ނޯންނާނެ ކަމުގެ ޔަގީން ކަން ވެސް ގާސިމް ވަނީ ދެއްވައިފައެވެ.
"އަޅުގަނޑު ދަންނަވާނީ މިވަގުތަކީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ދިވެހި އެއްވެސް ރައްޔިތަކު މަަސައްކަތް ކުރަންވީ ވަގުތެއް ނޫން. ހެޔޮ ނުވާނެ އެކަން ހުއްޓާލާ،" މި މުސީބާތުން ސަލާމަތް ކުރަން މާތް ﷲ އަށް ދުއާ ދަންނަވަން ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިވަގުތަކީ ސަރުކާރުގެ އެންގުންތަކަށް ފުރިހަމަ އަށް އެއްބާރުލުން ދޭންވީ ވަގުތެވެ. އަދި އެމީހަކަށް ވެވެން އޮތް އެހީތެރިކަމެއް ވުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް މިވަގުތު ލާޒިމް ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ﷲ ދެއްވާފައި އޮތް ތަނަވަސްކަމުގެ ތެރެއިން އަޅުގަނޑަށް ދެވެން އޮތް މިންވަރެއް އަޅުގަނޑު މިދެނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ސަން އައިލެންޑާއި ޕެރަޑައިސް ދެވެން ނެތީ، މިވަގުތު އެ ރަށުގައި ފަތުރުވެރިން ތިބީމަ ކަމަށެވެ. އަދި އެ ދެ ރަށް ދޭން ޖެހޭ ހިސާބަށް ރާއްޖޭގެ ކަންކަން ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ