އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގައި މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން މި މަހުގެ 23ވަނަ ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.
މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްޢާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ވަކީލުކޮށް އުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން އެ މިނިސްޓްރީން ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިދިޔަ މަހުގެ 18ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސިޓީ [މާލެ، ހުޅުމާލެ އަދި ވިލިމާލެ] އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި، ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުންވެސް އަންނަ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.
އެކަން އެގޮތަށް ކޮށްފައިވަނީ ދުނިޔޭގައި ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަޅުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އެންގިއިރު އެ މިނިސްޓްރީން އެފަދަ އެންގުމެއް އަންގާފައި ނުވަނީސް ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް ވިދާޅުވީ، މިސްކިތްތަކުގައި ނަމާދު ކުރުން މެދު ކަނޑާލީ ސަފާރީ އަކުން އެރަށަށް ދިޔަ 4 މީހަކު ތިބުމުން ކަމަށެވެ. އަދި އެ ސަފާރީން ފޭބި އެހެން މީހަކު އިތުރު ރަށެއްގައި ހުރިއިރު އެމީހާގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ އެކަމާއި ގުޅިގެން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ރޭ ބުނެފައި ވަނީ ‏މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށާއި ޖަމާއަތް މެދުކަނޑާލާނީ އެޗްޕީއޭއިން މޮނިޓަރިން ހާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށެވެ. އަދި ޖަމާއަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ