ޓޫރިޒަމް މިނިސްޓްރީން ވިލާ ގްރޫޕާއެކު ހަދާފައިވާ ސެޓްލްމެންޓް އެގްރިމެންޓް ބާތިލުކުރި ކަމަށް ބުނި ނަމަވެސް އެ އެގްރީމެންޓްތައް ބާތިލް ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ވިލާ ކުންފުނިން ތަރައްގީކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމަށް ބުނެ މީރާއިން ފޮނުވާފައިވާ ނޯޓިސް ބާތިލުކޮށްދިނުމަށް އެދި ވިލާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި ފަސް މައްސަލައިގެ ތެރެއިން ގަޒީރާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައާއި، ވިލާ ޝިޕިން ޕްރައިވެޓް ލިމިޑެޓުން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ދެމައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރުފަހަށް ވަކިވަކިން ތާވަލް ކޮށްފައިވީނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ދެ މައްސަލަ އެއް އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފަ އެވެ.
ޝަރީއަތުގެ މަޖިލީހުގައި މިއަދު އޮތީ މި ދެ މައްސަލައިގައިވެސް ދައުވާ ހުށަހެޅުމާއި، ދައުވާއާއި ގުޅިގެން ވިލާއިން ނެރުމަށް އެދިފައިވާ ވަގުތީ އަމުރުތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ގާސިމް އިބްރާހިމް ވިދާޅުވީ ދައުލަތުން ބާތިލް ކުރި ކަމަށް ބުނާ އެގްރީމެންޓުގައި ހިމެނޭ ތ. އެލާއާއި، ގދ. ގަޒީރާއަކީ އެތަށް މިލިއަން ޑޮލަރެއް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ ރަށްތައް ކަމަށާއި، މި ރަށްތަކުގެ ކުލި ދައްކަން އެގްރީމަންޓްގެ ދަށުން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.
އެ މުއްެދަތު އެހެން އޮތްވާ މީރާއިން ދެއްކުމަށް ނޯޓިސް ފޮނުވާފައިވާ ފައިސާ އަކީ ކޮން ގޮތަކުން ދައްކަން ޖެހޭ ފައިސާއެއްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އެންގުމަށް މީރާ އިން ފޮނުވާފައިވާ ނޯޓިސްއަށް ފައިސާ ދައްކަން ޖެހިއްޖެނަމަ އެކަން ވެގެންދާނީ ވިލާ ކުންފުނީގައި މަސައްކަތް ކުރަމުންގެންދާ 5،000 އެތައް މުވައްޒަފުންނަށާއި، ވިލާ ކުންފުންޏަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.
އެގްރިމަންޓްތައް ބާތިލް ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ