ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ވިއްކަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ގއ ދާންދޫ ގެއަކުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ވިއްކަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށާއި މި ދެމީހުންނަކީވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެ މީހުން ކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ދާންދޫ ގެއަކުން ލެޕްޓޮޕަކާއި އޭގެ ޗާޖަރު ވަގަށް ނަގާފައިވާކަމަށް ދާންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ދާންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ރޭ 22:50 ހާއިރު ލެޕްޓޮޕް ވިއްކުމަށްޓަކައި ގެއަކަށް ވަންނަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ލެޕްޓޮޕާއި ޗާޖަރު ފެނިފައިވަނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުން ބަލައިފާސްކުރިކުރުމުން އެ ދެމީހުންގެ އަތުން ކަމަށާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ލެޕްޓޮޕް ފެނިފައިވަނީ 25 އަހަރުގެ މީހާ ލައިގެންހުރި ގަމީސް ދަށަށް ލައި ފޮރުވާފައިވަނިކޮށް އަދި ލެޕްޓޮޕް ޗާޖަރު ފެނިފައިވަނީ 27 އަހަރުގެ މީހާ ލައިގެން ފަޓްލޫނުގެ ޖީބު ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށްހާޒިރު ކުރުމުން 25 އަހަރުގެ މީހާއަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު 27 އަހަރުގެ މީހާއަށް 05 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މި މައްސަލަ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ