މާވަށު ސްކޫލުގައި ނުނިމިހުރި މުހިންމު ކަންތައްތައް ކޮށްދެއްވާނީ ގާސިމް އިބްރާހީމް

ލ.އަތޮޅު މާވަށު ސުކޫލަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ.އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާވަށަށް ވަޑައިގެން އެރަށު ސުކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މާވަށަށް ފަހު މިހާރު އެމަނިކުފާނު ވަނީ ކުނަހަންދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ވެސް ބައްދަލުކުރައްވާފައެވެ. ގާސިމް އިބްރާހީމް ލ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ވަނީ ލ.އަތޮޅު މާމެންދުއަށާއި ހިތަދުއަށް ވަޑައިގެން އެދެ ރަށުގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވައި އެ ދެ ރަށުގެ ޢާންމު ހާލަތު ބައްލަވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރ އަދި ޖުމުހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ލ.އަތޮޅަށް މިކުރައްވާ ދަތުރުފުޅާއި ގުޅިގެން ޖުމުހޫރީޕާޓީއިން ވަނީ މާދަމާ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅު ގަމު ތުނޑީ އަވަށުގެ އިހައްދޫ ސުކޫލްގައެވެ.
ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ތާޢީދު ހޯދުމަށާއި، އެޕާޓީއަށް މެންބަރުން އިތުރުކުރުންކަމަށް ޖުމުހޫރީ ޕާޓީއިން ބުނެ އެވެ. އަތޮޅުތެރޭގައި ބާއްވާ އެޕާޓީގެ ޖަލްސާއެއް ދެން އެންމެ އަވަހަށް އޮންނާނީ އައްޑޫސިޓީގައި ކަމަށްވެސް ޖުމުހޫރީޕާޓީއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ