ނިހާދުގެ ކެންޑިޑެސީ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ފޭދޫ ދާއިރާ އަށް ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލް ކުރުމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. ހައި ކޯޓުން އެ ގޮތަށް ނިންމީ އެމްޑީޕީގެ ޕްރައިމަރީގައި ނިހާދާ ވާދަކުރައްވައި ނާކާމިޔާބުވި އަލްހާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. އެމްޑީޕީން ހައި ކޯޓުގައި އެދުނީ ނިހާދުގެ ކެންޑިޑެސީގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ. އެއީ ޕާޓީގެ އިސްތިއުނާފް ކޮމެޓީ އަށް ދިއުމެއް ނެތި އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ ކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އެމްޑީޕީއާ ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން އިސްތިއުނާފް ކޮމެޓީ އަށް ނުދާ ނަމަ އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ގަވާއިދުގައި އޮވޭތޯ ބެންޗުން ސުވާލުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ