އުސްފަސްގަނޑާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނެރުނު ދެ އަމުރު ހައި ކޯޓުން ވަގުތީގޮތުން ހުއްޓުވައިފި

އުސްފަސްގަނޑާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނެރުނު ވަގުތީ ދެ އަމުރު ހައި ކޯޓުން މިއަދު ވަގުތީގޮތުން ހުއްޓުވައިފި އެވެ. އެ ދެ އަމުރަކީ، ފުލުހުންނާއި ސިފައިން އުސްފަސްގަނޑު ފާސްކޮށް އެ ތަން ރޫޅާލުމާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތުގައި، އެ ތަން ރޫޅާނުލުމަށް ނެރުނު އަމުރާއި އެ އަމުރު ނެރުނު އިރު ރޫޅާލައިގެން ގެންގޮސްފައިވާ ތަކެތި މިއަދު ހެނދުނު 10:00 ގެ ކުރިން އަނބުރާ ހަވާލުކުރުމަށް ރޭ ނެރުނު އަމުރެވެ. ދައުލަތުން މި ދެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން އަމުރުކޮށްފައި ވަނީ އެ ދެ އަމުރަށް އަމަލުކުރުން ފަސްކުރުމަށެވެ. މިއަދު ހެނދުނު 9:00 ގައި އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވަކިވަކިން ނެރުއްވި ދެ އަމުރުގައި ވަނީ ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފްކުރުމަށް ދައުލަތުން ހުށަހަޅާފައި ވާތީ "އެ އަމުރާ މެދު ދިވެހިރާއްޖޭގެ ހައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށާއި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި އަމުރުކޮށްފީމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ