މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތަށް އެންޓަޓެއިންމަންޓް ސެންޓަރު އެޅެން ނެތްކަމަށް އެމްޓީސީސީން ބުނެފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެމްޓީސީސީން ބޭނުންނަމަ މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި އެންޓަޓެއިންމަންޓް ސެންޓަރެއް އެޅިދާނެ ކަމަށާއި އެހެންނަމަވެސް އެސަރަހައްދުގައި ދެ އިމާރާތެއް އަޅައި އެ ދެ އިމާރާތް ބްރިޖަކުން ގުޅާލާ ގޮތަށް އެތަނުގައި މަސައްކަތެއް ކުރިއަށް ގެންދިއުމަކީ ސިޓީ ކައުންސިލުން ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބްދުﷲ ވިދާޅުވީ އެކުންފުނިން ފެރީ ޓާމިނަލް ސަރަހައްދުގައި އަޅާ ދެ އިމާރާތުގެ ތެރެއިން އެއް އިމާރާތަކީ އެންޓަޓެއިންމަންޓް ސެންޓަރެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާނެ އިމާރާތެއް ކަމަށާއި އަނެއް އިމާރާތަކީ ވެހިކަލް ޕާކް ކުރުމަށް ހާއްސަކޮށްގެން ހަދާ އިމާރާތެއް ކަމަށެވެ.
މިދެ އިމާރާތުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަން ބޭނުންވަނީ އެކުއެކީގައިކަން ފާހަގަކުރައްވާ ޑރ. އަދްހަމް ވިދާޅުވީ ވަކިވަކިން ދެ އިމާރާތް ކުރަން ޖެހިއްޖެނަމަ ޚަރަދު އިތުރަށް ބޮޑުވެގެން ދާނެ ކަމަށާއި އަދި މިދެ އިމާރާތް ބްރިޖަކުން ގުޅުވާލަން ނިންމީ އެ ސެންޓަރަށް ދާ މީހުންނަށް ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.
"މި މައްސަލަ ހައްލުކުރުމަށް އެތައް ފަހަރަކު ސިޓީ ކައުންސިލާއި ބައްދަލުކޮށް، އެމްޓީސީސީގެ ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާނެ. އެހެންނަމަވެސް ދެން އެތާންގައި އިމާރާތް އެޅުމާއި މެދު ގޮތެއް ނިންމާނީ އެމަސައްކަތައް ސިޓީ ކައުންސިލުން ހުރަސްއެޅުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހޅާފައިވާ މައްސަލައަށް ގޮތެއް ނިމުމުން" އަދުހަމް ވިދާޅުވިއެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މިހާރުވެސް ހަދާފައިވާ ޕާކިން ޒޯނުވެސް ހިމެނޭ ގޮތަށް އެންޓަޓެއިންމެންޓް ސެންޓަރެއް އެޅުމަށް ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެމްޓީސީސީން އިއުލާން ކުރުމާއިއެކު ސިޓީ ކައުންސިލުން ވަނީ އެމަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފައެވެ. އަދި ޕާކިން ޒޯން ހިމެނޭ ބިމުގެ ކުލީގެ ގޮތުގައި 2.6 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އެމްޓީސީސީއަށް އަންގާފައެވެ.
އެކަމާ ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 213.6 މިލިއަން ރުފިޔާ ހޯދަން އެމްޓީސީސީން ކޯޓުގައި ދައުވާ ކުރި ނަމަވެސް ސިޓީ ކައުންސިލުން އެމްޓީސީސީއަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ވަނި ބުނެފައެވެ.
އެމްޓީސީސީގެ ދައުވާގައި ބުނެފައިވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީ އޮންނަ 405 ނަމްބަރު ކޮށި ކުރީގެ އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން 35 އަހަރަށް އެކުންފުންޏަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު ސިޓީ ކައުންސިލުން އެތަނުގައި ވަގުތީ ޕާކިން ޒޯނެއް ހަދާފައިވާތީ އެބިން ބޭނުންކުރަން ހުރަސް އެޅިފައިވާ ކަމަށްވެސް އެމްޓީސީސީގެ ދައުވާގައި ބުނެފައިވެ އެވެ. އަދި އެ ބިން ހުސްކޮށްދިނުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އެމްޓީސީސީން ވަނީ ކޯޓުގައި އެދިފައެވެ.
އެންޓަޓެއިންމަންޓް ސެންޓަރުގެ މަސައްކަތް ފެށޭނީ ކޯޓުން ގޮތެއް ނިންމުމުން: އެމްޓީސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ