އެއްވެސް ޕާޓީއަކާއި ނުގުޅި، ކޯލިޝަނަކާއި ނުލާވެސް މި އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ އެ ޕާޓީއަކީ ހުޅުވިފައިވާ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓް ވަކި ކެނޑިޑޭޓަކަށް ލިބުމަކީ އެހެން ޕާޓީތަކުން ޕީޕީއެމްއާއި އެކު ކޯލިޝަން ހަދަން ދެކޮޅު ހަދާނެ ކަމެއް ނޫން ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދުވަހަކުވެސް ދޮރެއް ލައްޕައެއް ނުލާނަން... އެހެންވީމައި އަޅުގަނޑުމެން އެހެން ޕާޓީތަކާ ގުޅެން މަޝްވަރާ ކުރާނަން. ކޯލިޝަނަކަށް ދިއުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫން،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޯލިޝަނަކާއި ނުލާ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ޔާމީނަށް ޕްރައިމަރީ ކާމިޔާބު ވެއްޖެނަމަ އެ ޕާޓީއާއި އެކު އެއްވެސް ޕާޓީއަކުން ކޯލިޝަން ނުހަދާނެ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް މައުމޫނު ވިދާޅުވީ އެ ވާހަކަ ތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
ވިލިމާލޭގައި ބޭއްވި ޕްރައިމަރީ ކެމްޕޭނުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ ޔާމީން އާއި އޭނާގެ ޓީމުގެ އިސް ބޭފުޅުންނަކީ "ކޮރަޕްޓް" ބޭފުޅުންގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި ޕްރައިމަރީ ޔާމިނަށް ކާމިޔާބު ވެއްޖެނަމަ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ގެއްލޭނަ ކަމަށް ވަރަށް ޔަގީން ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
ކޯލިޝަނަކާއި ނުލާ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ