އުމަރު ނަސީރަށް ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކޮރަޕްޝަންގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިފީހަށް މިއަދު ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އުމަރަށް ދައުވާ ކުރަން ފޮނުވާފައި ވަނީ، 2015 ވަނަ އަހަރު ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަމާލުކޮށްފައި ވަނީ އޭނާއާ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ކުންފުންޏަކާ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ.
އެ މައްސަލައިގައި އުމަރަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އޭސީސީން ބުނީ، ކުއްވެރީން ބަލަހައްޓަން ގެޓު އެޅުވުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ހޯމް މިނިސްޓްރީން ކުރި އިއުލާނާ ގުޅޭ ކަންކަން ކޮށްފައި ވަނީ، އެ މިނިސްޓްރީގެ އާންމު އުސޫލާ ހިލާފަށް ކަމަށާއި، އެކަން ކޮށްފައި ވަނީ އުމަރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އެގޮތުން، ޓެގު އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓަރަޔަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 4 ހިއްސާދާރުންނަކީވެސް އުމަރާ ގާތް ގުޅުމެއް އޮންނަ ފަރާތްތަކެއް ކަމަށް އޭސީސީން ބުންޏެވެ. އަދި އޭގެ ތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށާއި، މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް، އެ ފަރާތްތަކަކީ އުމަރުގެ ގާތް އެސޮސިއޭޓުން ކަމަށް ބުންޏެވެ.
އެހެން ކަމުން، ސްޓޭލްވާޓަކީ އުމަރުގެ މަސްލަހަތާ ފުށުއަރާ ބައެއްގެ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން ދެއްކި ޓްރަޔަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ކޮމިޓީއެއް ކަނޑައަޅައި، އެ ކޮމިޓީގެ ޗެއާކަން ކުރެއްވީވެސް އަމިއްލައަށް ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ޓްރަޔަލް އިވެލުއޭޝަން ކޮމިޓީން ސްޓެލްވާޓާގެ ސާމާނަކީ އެ ހިދުމަތަށް ބޭނުންކުރުމަށް އެކަށީގެންވާ ތަކެތި ކަމަށް ކަނޑައެޅި ނަމަވެސް، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރަން އެ ކޮމިޓީން ނިންމާފައި ނުވާކަމަށެވެ. އަދި ތަކެތި ގަތުމާއި ހޯދުމަށް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލައި، އެންމެ ގިނަ ޕޮއިންޓު ލިބޭ ފަރާތަކަށް ކަމަށް އޭރު އަމަލު ކުރަމުން ދިޔަ ގަވާއިދުގައި ބަޔާކޮށްފައި އޮތް ނަމަވެސް، އެ މަސައްކަތް ހޯމް މިނިސްޓްރީގައި އޭރު އޮތް ބިޑު ކޮމިޓީއަށް ހުށަހަޅާފައި ނުވާކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
އެހެން ނަމަވެސް ހަމައެކަނި ޓްޔަރަލް އިވެލުއޭޝަން ކޮމިޓީން ނިންމި ނިންމުމަށް ބުނާކޮށ،ް އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރަން ހުއްދައަށް އެދި، އަދި އެ ކުންފުންޏަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފަޔަށް އެދި އުމަރު ސޮއިކުރައްވައި، ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އުމަރަށް ލިބިފައި ނުވާ ބާރެއްގެ ބޭނުންކޮށްގެން މަގާމުގެ ނުފޫޒު ފޯރުވަން މަސައްކަތް ކޮށް، އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރަން ޕްރޮސެސް ކުރިއަށް ގެންދިޔަ ކަމަށް އޭސީސީން ބުންޏެވެ. އަދި މަގާމުގެ ނުފޫޒު ފޯރުވައިގެން ސްޓެލްވާޓަށް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރެއްވިކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ބުންޏެވެ.
އޭގެ އިތުރުން، އެ މަސައްކަތަށް ސްޓެލްވާޓްއިން ލޯނު ނަގަން ޖެހޭނެތީ ފަސޭހައިން މަސައްކަތް އެސްޓެބްލިޝް ކުރުމަށް އެ ކުންފުންޏަށް 500،000 ރުފިޔާގެ އެޑްވާންސެސް ދީފައިވާ ކަމަށާއި، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އުމަރުގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް ހޯދައިދިނުމަށް ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ