ރައީސް ޔާމީންގެ މެސެޖު: ވޯޓުން ރައީސް ޞާލިހު ބަލިކޮށްދީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަލިކޮށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެން އާންމުންނަށް މެސެޖެއް ދެއްވައިފި އެވެ.
ރޭ އިދިކޮޅު ކޯލިޝަނުން އޮންލައިންކޮށް ބޭއްވި ޖަލްސާއެއްގައި މި މެސެޖު އާންމުކޮށްދެއްވީ އިދިކޮޅު ކޯލިޝަން މިހާރު ލީޑު ކުރައްވާ އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އެ މެސެޖު ދެއްވުމަށް އެދިވަޑައިގެންނެވީ މާފުށީ ޖަލުގައި އިއްޔެ އޭނާއަށް ބައްދަލު ކުރައްވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަކީ ވޯޓް ފޮށިން މި ސަރުކާރަށް ޖަވާބު ދޭން ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ކައުންސިލް އިންތިހާބަކީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް އަދި އިތުބާރެއް ނެތްކަން ބޭރު ދުނިޔެއަށް އެންގުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވަނީ، ދިވެހިންނަށް އަނިޔާވެރިވާ އަނިޔާވެރިވުމަށް ޖަވާބު ދެއްވަން ވާނީ ވޯޓް ފޮށިންނޭ. ދިވެހިރާއްޖޭގެ ތަރައްގީއަށް މިއައި ހީނަރުކަން ރައްޔިތުންނަށް އިހުސާސް ކުރެވޭކަން ދައްކުވައި ދޭން ޖެހޭނީ ވޯޓް ފޮށިންނޭ.
- އަބްދުއްރަހީމް އަބްދުއްﷲ
ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ސަރުކާރުން ދެމުން ގެންދާ އަނިޔާތަކާއިމެދު އެއްޗެކޭ ނުބުނެ ރައްޔިތުން މަޑުން ނުތިބޭނެކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ ކުރިންވެސް އެމްޑީޕީން އަނިޔާވެރިވުމުން ރައްޔިތުން ނިކުތުމުން ކަން ހިނގައިދިޔަގޮތް އެޕާޓީއަށް އިނގޭނެ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ 2012 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ގޮތުގެ ވާހަކަ ދައްކަވައިފަ އެވެ.
ސަރުކާރާއިއެކު ޑީލްތައް ހެދުމުގެ ފުރުސަތު އެތައް ފަހަރެއްގެ މަތިން ރައީސް ޔާމީނަށް ދެއްވި ނަމަވެސް ރައީސް ޔާމީންވެސް އަދި އިދިކޮޅު ކޯލިޝަނުންވެސް ސަރުކާރާއިއެކު ޑީލް ނުހަދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ