ވައިކަރަދޫ މެމްބަރު ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.އިދިކޮޅު އެމްޑީޕީން ބުނީ ފުލުހުން ތަހްގީގްކުރަމުންދާ މައްސަލައަކާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 އަށް ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާ ކަމަށެވެ. ނާޒިމް ފުލުސް އޮފީހަށް ހާޒިރުކުރަން އެންގީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް އެމްޑީޕީއިން ބުނެފައެއް ނުވެއެވެ. ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ އިރު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 9 މެންބަރެއްގެ މައްސަލަ ވަނީ ތަހްގީގް ނިންމައި ޝަރީއަތްވެސް ފަށައިފައެވެ.އެ 9 މެންބަރުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފެވެ.މީގެ އިތުރުން ކުރިން މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި 3 މެމްބަރެއްގެ މައްޗަށްވެސް މިމައްސަލާގައި ދަޢުވާކުރެއެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.އެ މެންބަރުންގެ މައްޗަށް ފުލުހުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާއެވެ.އެ ދައުވާ އުފުލާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިން ފުލުހުންގެ ސަފުތައް ފެޅި ކަމަށް ތުހުމަތުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ