ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒަށް ވަނުމަށް ގޮވައިލި މައްސަލައިގައި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.
ފަހުގެ ތާޜީހެއްގައި ރާއްޖޭގެ ވަޒީރެއްގެ މައްޗަށް ހިންގި ފުރަތަމަ ޝަރީއަތުގައި ދައުވާ އިއްވުމުން އެ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށް އުމަރު ވިދާޅުވި ނަމަވެސް އިތުރު ވާހަކަތަކެއް އުމަރު ނުދައްކަވަ އެވެ.
"ދައުވާ ސާފުވެއްޖެ، ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ އަޅުގަނޑުގެ ވަކީލް" އުމަރު ވިދާޅުވި އެވެ.
"ދައުވާއާ މެދު ކީކޭތޯ ވިދާޅުވަނީ؟" އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ އުމަރާ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑު ދައުވާ އަށް އިންކާރު ކުރަން." ޝަރީއަތުގެ މަޖިލީހުގައި އޮންނަ އާންމު އުސޫލުގެ ދަށުން ކޮޅަށް ތެދުވެ ހުންނަވައިގެން އުމަރު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތަށް ހާޒިރުވުމަށް އުމަރު ކޯޓަށް ވަދެވަޑައިގަންނަވަނީ: އެ ދައުވާ އަށް އުމަރު ވަނީ އިންކާރު ކުރައްވާފައި. --ހަވީރު ފޮޓޯ/ނަސްރުﷲ ސޯލިހް އުމަރުގެ ވަކީލު މުހައްމަދު އިބްރާހީމް ވިދާޅުވީ އެ ދައުވާ އަށް ޖަވާބުދާރީވެވޭނީ އެ މައްސަލައިގެ ލިޔުންތައް ލިބިގެން ކަމަށާއި އެ މައްސަލަ އޮންނަކަން އެނގުނީ މީޑިއާ އިން ކަމަށެވެ. އެހެންވެ ކޯޓަށް އެއްބާރުލުން ދޭން ބޭނުންވާތީ އުމަރުގެ ފަރާތުން މީހަކު އައިސް ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވީ ކަމަށް ވަކީލު ވިދާޅުވި އެވެ.
އުމަރުގެ ވަކީލްގެ އެދުމާ އެއްގޮތަށް ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ގާޒީ އަބްދުﷲ ދީދީ ވަނީ އުމަރުގެ ވަކީލަށް ދެއްވައިފަ އެވެ. އަދި ލިޔުންތައް ހޯދަން އެދުނުހާ އަވަހަކަށް ލިޔުންތައް ލިބޭނެ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވުމަށް ތައްޔާރުވުމަށް ވެސް ގާޒީ އަބްދުﷲ ދީދީ އެންގެވި އެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ ޖެނުއަރީ 23، 2012 ގައި އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާ ކުރި މީހުންނާ މުޚާތަބުކޮށް، މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށް އުމަރު ގޮވައިލެއްވި ކަމަށެވެ. އެގޮތަށް ބަދަލު ކުރުމުން އެ ހަރަކާތްތައް ރައީސް އޮފީސް ކައިރީގަޔާއި ބޭރުގެ ޑިޕްލޮމެޓުން އަންނަ ގަޑިތަކުގަޔާއި އދ. މަންދޫބަކު އެއާޕޯޓަށް ފައިބާ ގަޑީގެ އިތުރުން އދ. ގެ އޮފީސް ކައިރީގައްޔާއި އެމްއެންބީސީ ކައިރީގައި ކުއްލި ކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅުވި ކަމަށް ރާބިއު ވިދާޅުވި އެވެ. އަދި އެގޮތަށް ކަންތައްކޮށް ސިފައިންނަށް ދަތި ކުރުމަށާއި އެ ހަރަކާތްތަކަށް ބޭނުންވަނީ 2،000 ވޮލަންޓިއަރުން ކަމަށާއި އެ މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގައި ސިފައިން ވަރުބަލި ކުރުމަށް ވެސް އުމަރު ގޮވާލި ކަމަށް ވެސް އެ ދައުވާ އިއްވަވަމުން ރާބިއު ވިދާޅުވި އެވެ.
އެގޮތަށް ސިފައިން ވަރުބަލި ކުރުމަށް ފަހު 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒު ތެރެއަށް އެއްފަހަރާ ވަންނާނީ ކަމަށް ދޭހަވާ ގޮތަށް، ރާއްޖޭގެ އަމަން އާންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ އުމަރު ދައްކާފައިވާތީ އެ ދައުވާ އުފުލީ ކަމަށް ރާބިއު ވިދާޅުވި އެވެ. އުމަރުގެ މައްޗަށް ދައުވާ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނާއި ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
ޝަރީއަތަށް ހާޒިރުވުމަށްޓަކައި އުމަރު ކޯޓަށް ވެންނެވީ ކޯޓުގެ ފުރަގަހުގައި ހުންނަ ސިޑި ބޭނުން ކުރައްވައިގެންނެވެ. އެ ސިޑިއަކީ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ސިޑިއެކެވެ.
އަމަން ގެއްލޭ ފަދަ ވާހަކަ ދެއްކެވި ކަމަށް އުމަރު އިންކާރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ