އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގެ އާބިޓްރޭޝަންގައި، ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ސިންގަޕޫރަށް ވަޑައިގެންނެވީ ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.
އާބިޓްރޭޝަން މައްސަލަގާއި އޭޖީ އޮފީހުގެ ފަރާތުން އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ މައްސަލާގައި ފަނޑިޔާރު ސައީދު ހިމަނާފައި ވަނީ ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ހުއްދަތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި، ކޯޓުން ބޭރު އެއްވެސް ކަމަކަށް ފަނޑިޔާރަކު ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައިވާ ގޮތުން އެ ހާލަތުގައި ވެސް ފަނޑިޔާރަކު ދޫކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ހުއްދައަކާ އެކު، އެ ކޮމިޝަނުން ކަނޑައަޅާ މުއްދަތަކަށެވެ. އެ މުއްދަތު، އެއްވެސް ހާލަތެއްގައި ހަ މަހަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
މީގެ އިތުރުން ހަމަ އެ ގާނޫނުގެ 52 މާއްދާގައި ބުނެފައި ވަނީ ބޭރު ގައުމެއްގައި މަސައްކަތްކުރުމަށް ވެސް ފަނޑިޔާރަކަށް ދެވޭނީ ޖޭއެސްސީގެ ހުއްދައާ އެކުގައި ކަމަށެވެ. އަދި އެ ގާނޫނުގައި ފަނޑިޔާރުން ކޮށްގެން ނުވާނެ ކަންކަމާ ބެހޭ މާއްދާގެ (42)ގެ (ނ)ގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ފަނޑިޔާރަކު ފަނޑިޔާރެއްގެ ގޮތުގައި ހުންނަހާ ހިނދަކު، އެއްވެސް މައްސައެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުން، ނުވަތަ ލޯ ފާމެއް ހިންގުން، ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރުން ހިމެނެ އެވެ.
އަބްދުﷲ ސައީދު ސިންގަޕޫރަށް ވަޑައިގެންނެވީ ހުއްދަތައް ނަންގަވައިގެން ކަމަށް އޭޖީ އޮފީހުން ބުނި ނަމަވެސް، ފަނޑިޔާރުން ވީއްލުމުގެ މަސައްކަތް ޖޭއެސްސީން ހަވާލުކޮށްފައިވާ އެ ކޮމިޝަންގެ މެންބަރު ޝުއައިބު އަބްދުއްރަހުމާން ވިދާޅުވީ އަބްދުﷲ ސައީދު ހުއްދަ ނެންގެވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ވޯކްޝޮޕް ފަދަ ތަންތަނަށް ހައި ކޯޓުގެ ފަނޑިޔާރުން ވަޑައިގަންނަވާ އިރު ވެސް ހުއްދަ ހޯއްދަވާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި އިސްތިސްނާވާ ކަމެއް އެނގިފައެއް ނެތް،" ޝުއައިބު ވިދާޅުވި އެވެ.
އެހެން ނަމަވެސް މި މައްސަލާގައި ޖޭއެސްސީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ އަޑުއެހުންތަކުގައި އޮންނާނީ، މައްސަލައިގައި ދެ ފަރާތުން ދެކޭ ގޮތުގެ ތަފްސީލްތައް ހުށަހެޅުމެވެ. އަދި އެ ފަރާތެއްގެ ވާހަކަތައް ސާބިތު ކޮށްދިނުމަށް ހެކިންނާއި އެހެން ވެސް ފަންނީ ބޭފުޅުންގެ ނަންތައް ހުށަހެޅުން އާބިޓްރޭޝަންގައި އޮންނާނެ އެވެ.
ފަނޑިޔާރު އަބްދުﷲ ސައީދު ސިންގަޕޫރަށް ވަޑައިގަތީ ހުއްދަ ނަންގަވައިގެން: އޭޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ