ވަންދޫން ކަރަންޓް ކެނޑޭތީ ރައްޔިތުން ކައުންސިލް އިދާރާ އަށް

ތ. ވަންދޫގައި ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ، ނުރުހުން ފާޅުކުރުމަށް ރައްޔިތުންގެ ބަޔަކު ކައުންސިލް އިދާރާ ދޮށަށް މިއަދު އެއްވެއްޖެ އެވެ.
ކައުންސިލްގެ ރައީސް އަހުމަދު މަޖުދީ ވިދާޅުވީ އެ ރަށުގައި ކަރަންޓް ދެމުން އައި ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެ، ދުވާލު ކަރަންޓް ނުދެވޭތާ ތިން ދުވަސް ވެފައިވާ ކަމަށެވެ. އެ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރުމަށް ބަޔަކު އެއްވެ ކައުންސިލް އިދާރާ ދޮށުގައި އެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މާޖިދު ވިދާޅުވީ ކަރަންޓް ނުލިބުމުގެ ޝަކުވާ ގިނަ އަދަދެއްގެ ބަޔަކު ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. އިންޖީނުތައް ހަލާކުވެ މިހާރު ކަރަންޓް ދެނީ ރޭގަނޑު އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކޮޅުގައި ހުރި ހުރިހާ ޖަނަރޭޓަރުތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި. ކަރަންޓް ނެތީމަ ކިޔަވަން އުނދަގޫވެގެން ސްކޫލުން ވެސް ޝަކުވާ ހުށަހަޅާފައި ވަނީ. ރަށު ތެރޭގައި އެކި މަސައްކަތް ކުރާ މީހުންގެ ޝަކުވާތައް ވެސް ގިނަ،" ގާތްގަނޑަކަށް 380 އެއްހާ މީހުން ދިރިއުޅޭ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށްގެން ކަރަންޓް ދޫކުރުމަށް މަހެއްހާ ދުވަސް ވާނެ ކަމަށް ކަރަންޓުގެ ކަންކަން ބަލަހައްޓާ ފެނަކަ ކުންފުނިން ވަނީ ބުނެފަ އެވެ.
ކައުންސިލް އިދާރާ ކައިރިއަށް އެއްވި މީހުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކަރަންޓްގެ މައްސަލަ އަށް ހައްލެއް ހޯދުން ކަމަށާއި އެކަމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ