ޔުނިވަސިޓީ ތައުލީމު ލިބުނު ނަމަ ގާސިމް ވަރުގެ ސިކުނޑިއެއް ރާއްޖެއަކު ނުހުންނާނެ: އިމާދު

ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ޔުނިވަސިޓީ ތައުލީމް އުނގެނުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަ، އެވަރުގެ ވަރުގަދަ ސިކުނޑިއެއް ރާއްޖޭގައި ނުހުންނާނެ ކަމަށް ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަށް އޮނަރަބަލް ގާސިމް އިބްރާހީމާ އެކީގަ މި މަސައްކަތް ކުރެވުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ފާހަގަ ކުރެވޭ އެންމެ މުހިއްމު އެކައްޗަކީ އެ މަނިކުފާނަކީ ޔުނިވަސިޓީ ތައުލީމް ހާސިލް ކުރައްވަން ފުރުސަތު ލިބުނު ނަމަ، އަޅުގަނޑަށް ޔަގީން މި ގައުމުގަ އެވަރުގެ ވަރުގަދަ ސިކުނޑިއެއް ނުހުންނާނެކަން،" ސ. ހިތަދޫގައި ޖުމްހުރީ ގުޅުމުން ބޭއްވި ޖަލްސާގައި އިމާދު ވިދާޅުވި އެވެ. "މިއީ ވަރަށް ސާފުކޮށް އިހުލާސްތެރިކަމާ އެކީގަ ދަންނަވާ އެއްޗެއް. ވިޝަނަރީ ލީޑަރެއް އެ މަނިކުފާނަކީ. ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުން، އެކަން ކުރެވިދާނެ ގޮތް، މި ގައުމުގަ އިތުރު ސިނާއަތްތައް ތައާރަފް ކުރެވި، ތަރައްގީކޮށްގެން އޭގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަމާ ރައްޔިތުންގެ ވަޒީފާތަކާ އަދި ރައްޔިތުންގެ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުން އެ މަނިކުފާނުގެ ހުރިކަން އަޅުގަނޑަށް ސައްތަ އިން ސައްތަ ޔަގީން."
އިމާދު ވިދާޅުވި ގޮތުގައި ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ބަލާ އިރު މަރުހޫމް އިބްރާހީމް ނާސިރަކީ ވެސް މާ މޮޅަށް ކިޔަވައިގެން ހުންނެވި ބޭފުޅެއް ނޫނެވެ.
އެހެން ނަމަވެސް ނާސިރަކީ ރާއްޖެ އަށް ޓޫރިޒަމާއި އިންޖީނުލީ މަސް ދޯނިފަހަރާއި ހުޅުލޭ ބައިނަލްއަގްވާމީ އެއާޕޯޓާއި ޒަމާނީ ތައުމީލް ފަދަ ބޮޑެތި ކަންކަމުގެ ބިންގާ އެޅުއްވި ބޭފުޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމާދު އިތުރަށް ވިދާޅުވީ ރާއްޖެ އަށް މިހާރު ބޭނުން ވަނީ ބަލާޢާތްތެރިކަމާ އެކު ފަށުވި އިބާރާތުން ވާހަކަ ދެއްކެވޭ ބޭފުޅެއް ނޫން ކަމަށެވެ.
"އެފަދަ ވެރިންނަށް ވުރެ އަމަލީ މައިދާނަށް ނިކުމެ ވިސްނުންތެރިކަމާ އެކީގަ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ކުރައްވާނެ ވެރިން މިހާރު ބޭނުން ވަނީ. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅަކީ ގާސިމާއި އިބްރާހީމް ޑރ. ހަސަން ސައީދު. އެހެންވީމަ އަޅުގަނޑުމެން އެ ބޭފުޅުންނަށް ވޯޓް ދެއްވަންވީ،" އޭނާ ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ގާސިމް މީހަކަށް އަނިޔާވެރި ނުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ވެސް އެބައޮތް ކަމަށާއި ވެރިއެއްގެ އެންމެ މުހިއްމު އެއް ސިފައަކީ އެއީ ކަމަށެވެ.
"ވައުދެއް ވެވަޑައިގެންފިނަމަ އަޅުގަނޑަށް ޔަގީން އެ މަނިކުފާނު އެ ވައުދެއް ފުއްދަވާނެކަން." އިމާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ