ލޯކަލް މާރުކޭޓު އޮތީ ބޮއްސުންލާފައި: ސިޓީ ކައުންސިލް

މާލޭ ލޯކަލް މާރުކޭޓް އޮތީ ބޮންސުންލާފައި ކަމަށާއި އެތަނުގެ ހާލަތު ރަނގަޅަށް ބަލަން ސާވޭ ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު "މިހާރު"އަށް މިއަދު ވިދާޅުވީ މާރުކޭޓް ގޮޅިތައް ބަލަން ފެށި އިރު ވެސް އެތަނުގައި ނުގަވައިދުން އެތައް ކަމެއް ހިނގަމުން އަންނަ ކަން ފާހަގަ ކުރެވުނު ކަމަށާއި އެހެން ނަމަވެސް ފިޔަވަޅު އަޅާނީ އެސެސްމެންޓް ނިމުމުން ކަމަށެވެ.
"ވަރަށް ގިނަ ކަންތައްތައް އެބަހުރި ގަވާއިދާ ހިލާފަށް އެތަނުގައި. ގޮޅިތަކުގައި ވިއްކަން ހުއްދަ ނޯންނަ ކިތަންމެ އެއްޗެއް އެބަ ހުރޭ. އިމްޕޯޓް މުދާ ވިއްކަން ހުއްދައެއް ނޯންނާނެ. ދެން މިނޫނަސް ގިނަ ކަންތައްތަކެއް އެބަހުރި،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާރުކޭޓްގެ ގޮޅިތައް ދޫކުރަނީ އެ ގޮޅިތައް ލިބޭ މީހުން ވިޔަފާރިކުރަން ކަމަށާއި އެހެން ނަމަވެސް ގިނަ ގޮޅިތަކެއް ހުރީ އެކަކު އަތްމަތިން އަނެކަކު އަތްމަތިން ގޮސް ބޭރު މީހުންގެ އަތްމަތީގައި ކަމަށެވެ. އެހެން ހުރި މައްސަލަތަކާއި ގޮޅިތައް ދޫކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ވެސް ސިޓީ ކައުންސިލުން މިފަހަރު ބަލާނެ ކަމަށް ވިދާޅުވި އެވެ.
"ލޯކަލް މާރުކޭޓްގެ ގޮޅިތައް ދޫކުރަނީ އެ ގޮޅިތައް ލިބޭ މީހުން ވިޔަފާރިކުރަން. އެއަށް ވުރެ ފުޅާކޮށް ވިޔަފާރި ކުރައްވާ ބޭފުޅުންނަށް އެބަ އޮތްތާ ވިޔަފާރީގެ އެހެން ފުރުސަތުތައް،" ޝިފާ ވިދާޅުވި އެވެ.
ލޯކަލް މާރުކޭޓް އެވަރަށް ބޮއްސުންލާފައި ވަނީ ކުރީގެ ސަރުކާރުން އަޅާ ނުލުމުން ކަމަށް ބެލެވޭ ކަމަށް ޝިފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ގޮޅިތަކާ ބެހޭ މައުލޫމާތު ލިބުނީ ވަރަށް ފަހުންނެވެ. އަދި އެ ކައުންސިލުން އެތަންތަން ބަލަން ފެށީ އެއްބަސްވުންތައް ބަލައި ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އެސެސްމެންޓް މި ފެށީ އެއްބަސްވުންތައް ބަލައި، ގޮޅިތަކުގެ ވެރިންނާ ބެހޭ މައުލޫމާތުތައް ވެސް ހޯދުމަށް ފަހު. އަޅުގަނޑުމެންނަށް އެނގޭ ބަލަން ފެށީމާ އެކަމަށް ތައްޔާރު ވާނެކަން ވެސް،" އޭނާ ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ގަވައިދާ ހިލާފު ވިޔަސް ލޯކަލް މާރުކޭޓްގައި ގަވައިދާ އެއްގޮތަށް ވިޔަފާރި ކުރާ މީހުން ވެސް އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ