އަބްދުﷲ ގާޒީ މިނިވަންކޮށް މަޝްވަރާ ފެށުމަށް އަދާލަތުން ގޮވާލައިފި

ގާނޫނު އަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާއި ބައިނަލް އަގުވާމީ އުސޫލްތަކާ ޚިލާފަށް ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލައި ގައުމުގައި ހިނގަމުންދާ ހަމަނުޖެހުމަށް ހައްލެއް ހޯދުމަށް އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ފެށުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބާރު ލިބޭ ގޮތަށް ފަނޑިޔާރުން މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަމަށެވެ. އޭގެ ބޭރުން ކުރާ މަސައްކަތްތަކަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅޭނެ ގޮތް ހަމަޖައްސައި ރައްޔިތުންނާއި ޝަރުއީ ދާއިރާގެ ފަރާތްތަކާ ގުޅިގެން ވެސް ސަރުކާރުން މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެނިގެންދާ މަންޒަރަކީ ގާނޫނާއި ގަވާއިދުގެ އިމުން ބޭރުގައި ސަރުކާރުން ބޭނުންވާ ގޮތަށް ޝަރުއީ ނިޒާމް ބައްޓަންކުރަން މަސައްކަތްކުރުން. މިއީ މައްސަލަ އަކީ. ސަރުކާރުން ބޭނުންވާ ގޮތަށް ޝަރުއީ ދާއިރާ ބައްޓަމެއް ނުކުރެވޭނެ،" އިމްރާން ވިދާޅުވި އެވެ.
ސަރުކާރުން ޝަރުއީ ދާއިރާގެ ހުރުމަތް ކަނޑާލުމަށް ހިންގާ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހްމީ އުއްތަމަ ފަނޑިޔާރަށް އިއްޔެ ދެ މައްސަލައެއް ހުށަހެޅުއްވުމަށް ފަހު، ނުކުމެވަޑައިގެން 48 ގަޑިއިރު ތެރޭ ޕޮޒިޓިވް ޖަވާބެއް ދޭންޖެހޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނިންމަންޖެހޭނީ ވަކި ގޮތަކަށޭ ބުނުމުގެ އިހްތިޔާރު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށާއި އަލްހާންގެ އެ ވިދާޅުވުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަބްދުﷲ ގާޒީގެ މައްސަލައެއް އޮތް ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ބައްލަވާށޭ. އޭގެ ބޭރުން އަލިފާނާއި ދަގަނޑުން ގަދަބާރުން އެކަމެއް ހައްލެއް ނުކުރެވޭނެ،" އިމްރާން ވިދާޅުވި އެވެ. "ހަމަނުޖެހުންތަކަށް ހައްލެއް ގެންނަން މަޝްވަރާ ފެށިގެންދާނީ އަބްދުﷲ ގާޒީ އެ މަނިކުފާނުގެ އަސްލު މަގާމަށް ރުޖޫއުކުރުމަށް ފަހު. އޭގެ ފަހުން މަޝްވަރާކޮށް ކުރަންޖެހޭ ހުރިހާ ކަމަކަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް."
ޝައިޚް އިމްރާން ވިދާޅުވީ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި ސަރުކާރުގެ ބަޖެޓުން އެތައް ލައްކަ ރުފިޔާއެއް ހަރަދުވެ، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެ ހުރިހާ ކަމެއް ކުރިމަތިވަމުން އަންނަ އިރު ވެސް މައްސަލަ އަށް ހައްލެއް ހޯދުމަށް މަސައްކަތްކޮށް ގޮތް ދޫކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތާ މެދު ރައްޔިތުން ޝަކުވާކުރަމުންދާ އިރު އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު މަޝްވަރާކޮށް އެ ކަންތައްތަކަށް އިޖާބަދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުމަކީ ބިރުވެރި މައްސަލައެކެވެ. ޑިމޮކްރަސީއެއްގައި ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މަސައްކަތްނުކުރެވޭ ނަމަ ގައުމު ފުނޑުފުނޑުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ހަމަނުޖެހުންތަކުގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ޖުޑިޝަރީ ފުނޑާލުމަށް ކުރާ މަސައްކަތެވެ. ގާނޫނު އަސާސީގައި އަދުލު އިންސާފު ގާއިމްކުރުމަށް ލިބިދީފައިވާ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓު ބަލިކަށިކޮށްލުމަށް އެ ތަނުގެ ތެރެއަށް ބޭރުގެ ފަނޑިޔާރުން ލައި ބޭނުން ގޮތަކަށް ހުކުމްތައް ނެރުމަށް ކުރާ މަސައްކަތަކީ އަދާލަތު ޕާޓީން ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި އެހެން ބޭފުޅުން ވެސް ގާނޫނީ އިމުގެ ބޭރުން ކަންތައްތަކެއް ކޮށްގެން ނުވާނެ ކަމަށެވެ. ޖުޑިޝަރީގެ ތަނބުތައް ފުނޑުފުނޑުކުރުމަށް ގާނޫނު އަސާސީގެ ބޭރުން ސަރުކާރުން ހިންގާ އަމަލުތަކަކަކީ އަދާލަތު ޕާޓީން ގަބޫލުކުރާ އަމަލުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއަށް ރާއްޖޭގެ ރައްޔިތުންގެ ފިކުރެއް ވިސްނުމެއް ނެތް ބަޔަކު ޝަރުއީ ދާއިރާ ތެރެ އަށް ވެއްދުމަކީ ފަހަރެއްގައި ވެސް ގައުމުގެ މަސްލަހަތު އޮތް ކަމަކަށް ރައްޔިތުން ނުދެކޭ. އެ ކަމަކަށް ރައްޔިތުން ތާއީދެއްނުކުރޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ސަސްޕެންޑްކުރުމަށް ހިތްވަރުދީ ރާއްޖޭގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވާހަކަ ދައްކަވާފައިވާ ކަމަށާއި އެއީ އަދާލަތު ޕާޓީ އަށް ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.
އެ ބައްދަލުވުމުގައި ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހުގެ މެމްބަރު އަސަދުﷲ ޝާފީ ވިދާޅުވީ ކޯޓުތަކަށް ބިރުދެއްކުން މިހާރު އާއްމުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންނަށް ބިރު ދައްކާ ގޮތަށް ކޯޓުތައް ދޮށަށް އެއްވުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި ހަމަނުޖެހުން ހިންގަމުންދާ އިރު، އިސްލާހްކުރަން ބޭނުންވާ ކަންކަން ބަލައި ސަރުކާރުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ