ރިސޯޓް ހެދުމަށް އަލަށް ދޫކުރި 39 ރަށެއް އަނބުރާ ނަގަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ދޫކޮށްފައިވާ 64 ރަށުގެ ތެރެއިން މިހާތަނަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާ 39 ރަށެއް އަނބުރާ ސަރުކާރަށް ނަގާ ގޮތަށް ނިންމަވައި އަނެއް 25 ރަށުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމަވައިފިކަން ހަވީރަށް ޔަގީންވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަހުމަދު އަލީ ސަވާދު މިއަދު ވިދާޅުވީ އެ ރަށްތަކާ ބެހޭ ގޮތުން ސަރުކާރުން ނިންމެވީ އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ތަންތަނާ ބެހޭ ގޮތުން ފިޔަވަޅު އެޅުއްވުމާއި ކޮންމެވެސް ވަރަކަށް މަސައްކަތްކޮށްފައިވާ ތަންތަނަށް އިތުރު ފުރުސަތު ދެއްވުމަށެވެ. ނަމަވެސް އަޅުއްވަން ކަނޑައެޅުއްވި ފިޔަވަޅަކީ ކޮބައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ދިހަ އަހަރުގެ ކުލީގެ 10 ޕަސެންޓް އެޑްވާންސްކޮށް ސަރުކާރަށް ފައިސާ ނަގާފައިވާ ރަށްރަށް ވަކިކުރައްވާއިރު ކޯޓުގެ މަރުހަލާއެއް ކަނޑަތުނުކޮށް ރަށްރަށް ވަކިކުރައްވަނީ ކީއްވެތޯ ދެންނެވުމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެގްރީމަންޓާ އެއްގޮތަށް އަމަލު ނުކުރެއްވުމުން އެ ތަންތަނާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ.
ސަވާދު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ އެ ރަށްރަށް ތަރައްގީކުރުން ކަމަށާއި އެކަމަށް ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުން ކަމަށެވެ.
"އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅާފައި އެބަޖެހޭ ކޮންމެ ގޮތެއް ހަދާފައި ވެސް މި ރަށްރަށް ތަރައްގީ ކުރަން. އެއާއެކު އެބަ ބަލަން ޖެހޭ ފައިސާ ހުރީ ކޮން ފަރާތްތަކެއްގައިތޯ. އެ ފަރާތްތަކަށް ފުރުސަތުތަކެއް ދޭން ޖެހޭ،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
ތަރައްގީ ނުކުރެވިގެން 39 ރަށެއް ވަކިކުރެއްވުމަށް ސަރުކާރުން ނިންމި އިރު، އުތުރުން ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް އިންޑިއާގެ ކުންފުންޏަކަށް 6،000 އެނދު ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް އެ ކުންފުންޏާ އެކު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ