ހުސޭނުބެގެ މަރުގެ ތަހުގީގަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ލިބިއްޖެ: ފުލުހުން

އަހުމަދު ހަމްދޫން އަދި ހއ. ހޯރަފުށިން: އަބްދުﷲ ޖަމީލް
"ވަރަށް އިހާނެތި، ވަރަށް ނިކަމެތި" ގޮތަކަށް މަރާލާފައިވާ ހއ. ހޯރަފުށީ ސީވިއު، ހުސައިން މަނިކު (ހުސޭނުބެ)ގެ މަރުގެ ތަހުގީގަށް ވަރަށް މުހިއްމު މައުލާތުތަކެއް ލިބިއްޖެ ކަމަށް ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފި އެވެ.
ހުސޭނުބެގެ މަރު ތަހުގީގު ކުރުމަށް ހޯރަފުއްޓަށް ގޮސް އުޅޭ ފުލުހުންގެ އިސް ޓީމުގެ ފަރާތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، އިންސްޕެކްޓަރު އަބްދުﷲ ނަވާޒު ވިދާޅުވި ގޮތުގައި އޭނާގެ ހަށިގަނޑަށް އެކި ވަރުގެ ހާނިއްކަތައް ވަނީ ކޮށްފަ އެވެ.
އަދި ހުސޭނުބެ މަރާލައި އެއްލާލާފައި އޮތް ފަޅު ގެ އާއި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށް ހެދިއިރު ތަހުގީގަށް ބޭނުންވާ "ވަރަށް މުހިއްމު މައުލޫމާތުތަކެއް" ވަނީ ލިބިފަ ކަމަށް ނަވާޒް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން މައުލޫމާތުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
އެކަމަކު، މި މަރުގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަން ނަވާޒް ކަށަވަރު ކޮށްދެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ މިއީ "ރަށު ތެރެއިން ކޮންމެވެސް އެއް ބަޔަކު" ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.
ފުލުހުންނަށް ޝައްކު ކުރެވޭ މީހަކު އެބަހުރިތޯ "ހަވީރު"ން ސުވާލު ކުރުމުން ނަވާޒު ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވެފައި ތަހުގީގުގެ ކުރީކޮޅަށް ވުމުން "މި ވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތް" ކަމަށެވެ.
ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑު ނުވަތަ "ސްޓާ ފޯސް" ގެ ޓީމެއް ދާދި ދެންމެއަކު ހޯރަފުއްޓަށް ހިނގައްޖެ އެވެ. އެ މީހުން އެ ރަށަށް ފޭބި އިރު ތިބީ ޝީލްޑު ވެސް ހިފައިގެންނެވެ. އެ ޓީމް މިހާރު ވަނީ ޕޮލިސް ސްޓޭޝަނަށް ގޮސްފަ އެވެ.
ހުސޭނުބެ މަރާލި މީހަކު ނުވަތަ ބަޔަކު ގާނޫނުގެ ކުރި މައްޗަށް ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި ފުލުހުންގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަވާޒް ވިދާޅުވި އެވެ.
ހުސޭނުބެގެ އަތުންނާއި އޭނާގެ ކޮޓަރިން ފޭރިގަތް ފައިސާގެ އަދަދެއް ވެސް އޭނާ ވިދާޅެއް ނުވި އެވެ.
ފުލުހުން ބުނީ ކުށުގެ ވެއްޓާއި އެ ނޫން ވެސް ތަންތަނުން މާއްދީ ހެއްކާއި އެހެނިހެން މައުލޫމާތު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ. އާއްމުންނަށް މައުލޫމާތު ދެވޭނެ ހޮޓްލައިނެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. މި މަރާ ގުޅޭ މައުލޫމާތެއް ލިބިފައި ވާނަމަ 9922151 އަށް ގުޅުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
ހުސޭނުބެގެ މަރާ ގުޅިގެން، މިއަދު ހެނދުނުން ފެށިގެން، ފުލުހުން ނުވަތަ ރަށު އޮފީހުގެ ފަރާތުން ހުއްދަ ލިބިގެން ނޫނީ އެއްވެސް މީހަކު ހޯރަފުށިން ފުރުން ވަނީ މަނާ ކޮށްފަ އެވެ. ހުއްދަ ދެނީ ވެސް ނަމާއި ދާ ތަނެއް ނޯޓު ކުރުމަށް ފަހު އެވެ.
ނަވާޒު ވިދާޅުވީ "ވަރަށް ދަށު ދަރަޖައިގެ އަމަލެއް"ގައި ހުސޭނުބެ މަރާލި މީހުން ހޯރަފުށިން ފިލައިގެން ދިއުން އެކަށީގެންވާ ކަމަށެވެ.
ހުސޭނުބެގެ ހަށިގަނޑު ބަލާ ފާސް ކުރުމަށް ފަހު ފުލުހުން އާއިލާއާ ހަވާލުކޮށް ކަށުކަމާކެމީގެ ކަންތައް ނިންމައި ދާދި ދެންމެ އަކު ވަޅުލައިފި އެވެ. އޭނާގެ ޖަނާޒާގައި ވަރަށް ގިނަ މީހުން ބައިވެރިވި އެވެ.
ހޯރަފުށީ މީހަކު ހުސޭނުބެ އަށް ހަމަލާއެއް ދީފާނެ ކަމަކަށް ރަށުގެ ރައްޔިތުން މީގެ ކުރިން ގަބޫލެއްނުކުރާނެ އެވެ. އެއްވެސް މީހެއްގެ އަދި ރަށުގެ އެއްވެސް މައްސަލައެއްގެ ތެރެއަށް ވަދެ އުޅުމަކީ އޭނާގެ މިޒާޖެއް ނޫނެވެ. އެކަމަކު މަޑުމައިތިރިކަމާ އެކު ދިރިއުޅުން ވޭތުކުރަމުން އައި ތެލުގެ ވިޔަފާރިވެރިޔާގެ އެންމެ ފަހު ނޭވާ ދޫކޮށްލީ އަނިޔާވެރިއެއްގެ ނުވަތަ ބައެއްގެ އަތްމައްޗަށެވެ.
ހުސޭނުބެ އުމުރުން 61 އަހަރުގައި މަރާލާފައި އޮއްވާ މިއަދު ފެނުނީ އެރަށު ފަޅުގެއެއްގެ ތެރެއިންނެވެ. ބަނދަރުމަތީގައި ހުރި އޭނާގެ ފިހާރަ ބަންދުކޮށްފައި ރޭ ގެއަށް ދިޔަ އިރު މުޅި ރަށް އޮތީ ގަދަ ވިއްސާރާގައި ނިދާފަ އެވެ. އޭގެ ފަހުން ހުސޭނުބޭގެ ހަބަރެއް ނުވެ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެރަށު ޒުވާން އަންހެނަކަށެވެ.
ފަސް ކޮޓަރި އަށް ހަދަމުން ދިޔަ ސީނާގޭގެ ވެރިފަރާތް ކަމަށްވާ ފާތުމަތު ޝާމިލާ، ،32 ގެ އާދައަކީ އޭނާގެ އާ ގެއަށް ކޮންމެ ދުވަހަކު ހެނދުނު ޒިޔާރަތްކުރުމެވެ. އެގޮތުން ދަރިފުޅު ސްކޫލަށް ލާފައި މިއަދު ހެނދުނު ހަތެއްޖަހާކަން ގެއަށް ވަންނަން ދިޔަ އިރު ފުރަތަމަ ވެސް ފެނުނީ ގޯހެކެވެ. ދޮރުގެ ތަޅު ވަނީ ހަލާކުކޮށްލައިފަ އެވެ. އޭނާ ދޮރުން ވަތް އިރު އެއް ފަރާތުގައި، ފޮށި ފަދަ އެއްޗެހި ބަންނަން ބޭނުންކުރާ ކަހަލަ ވާގަނޑެއްގެ ބައިތަކާއި ފޮތަކާއި ފައިވާން ކިބައެއް އޮތެވެ. ވާގަނޑު އޮތީ ދުރަށް ގޮސް އޮބާފަ އެވެ. އެހެންކަމުން އެ ވާގަނޑު އޮތް މިސްރާބަށް ހިނގާފައި އޭނާ ދިޔަ އެވެ. ގޭގެ އެންމެ އެތެރޭގައި ހުރި ކޮޓަރި ތެރެއަށް ވާގަނޑުގެ ކޮޅު ގޮސްފައި އޮތް ތަން ފެނުމުން ޝާމިލާ ދިޔައީ ސިއްސައިގެންނެވެ؛ އޭނާ އަށް ފެނުނީ ދެ އަތް ފުރަގަހަށް ލާ ބަނދެފައި އޮތް މީހެކެވެ.
"އަޅުގަނޑު ބިރުން ގޮސް ކައިރީގައި ހުރި ގޭގެ މީހުންނަށް ގޮވައިގެން ގެނެސް ދެއްކުމުން އެ މީހުން ބުނީ ހުސޭނުބެއޭ ތިއީ. އެ ވަގުތު ވަރަށް ބޮޑަށް ސިހި، މުޅި ހަށިގަނޑު ފިނިވެގެން ދިޔަ. ދުވަހަކު ވެސް ފެނުނު މަންޒަރެއް ނޫން އެއީ،" ޝާމިލާ ބުންޏެވެ.
"ކޮންމެ ދުވަހަކު ވެސް ހެނދުނު ދަރިފުޅު ސްކޫލަށް ލާފައި އެ ގެއަށް ވަދެ ބަލައި ހަދަން. މިއަދު ދޮރު ހުޅުވަން ދިޔައިރު ތަޅު ހުރީ ހަލާކުކޮށްލާފައި. ދޮރު ކައިރީގައި އޮތް މޮނީޓަރު ފޮތަކާއި ދަބަހަކާއި ފައިވާން ކިބައެއް. އެ ވާގަނޑު އޮތް ކޮޓަރިއާ ހަމައަށް އަޅުގަނޑު ދިޔައީ އެއީ ކިހިނެއް ހަދާފައި ހުރި އެއްޗެއްތޯ ބަލަން. އަޅުގަނޑު ގޮސް ބެލިއިރު ފެނުނީ މީހަކު ބާއްވާލާފައި އޮތް ތަން. ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ނެތް."
ދޮރު ކައިރީގައި އޮތް ފޮތަކީ ހުސޭނުބޭގެ ފިހާރައިގެ ވިކުރާ އެވެ. މަރުވެފައި އޮތް އިރު އޭނާގެ އެއް ފައިގައި ފައިވާން ކިބައެއް އޮތެވެ. އެހެންކަމުން ޝާމިލާގެ ގޭގެ ދޮރު ކައިރީގައި އޮތީ ހުސޭނުބޭގެ އަނެއް ފައިވާން ކިބަ ކަމަށް ބެލެވެ އެވެ.
ހއ. އަތޮޅުގައި ތެލުގެ ވިޔަފާރި ކުރުމުގައި މަޝްހޫރު ހުސޭނުބެ އަކީ ވަރަށް ކުރިއްސުރެން ފެށިގެން ހޯރަފުށީގައި ދިރިއުޅެމުން އަންނަ ނ. ޅޮއްސަށް އުފަން މީހެކެވެ. ވަރަށް ކުރިންސުރެ ހޯރަފުއްޓަށް ބަދަލުވެ އެ ރަށުން ދެ މީހުންނާ އިނދެ އެ ދެ މީހުންނަށް ހަތް ކުދިން ލިބިފައިވެ އެވެ. އެކަމަކު އޭނާ މަރާލި އިރު އަންބަކު ނެތެވެ. އަދި ދިރިއުޅެމުން އައީ ހުސޭނުބެގެ ބައެއް ކުދިންނާ އެކު އެވެ.
ރައީސް މުހައްމަދު ނަޝީދުން ފެށިގެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގާކަމުގެ އިޝާރާތްތައް ފެނެ އެވެ. އެގޮތުން މި މައްސަލަ ތަހުގީގުކުރެއްވުމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާން ހިމެނިވަޑައިގަންނަވާ ތަހުގީގު ޓީމެއް ހޯރަފުށީގައި ހަރަކާތްތެރި އެބަވެ އެވެ.
މަތި އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު އަލީ ނަސީރު "ހަވީރަ" ށް ވިދާޅުވީ ހުސޭނުބެ އަށް ބަޔަކު މީހުން ހަމަލާދީ މަރާލާފައިވާ ކަމަށް ބެލެވެނީ ބަނދަރުމަތީގައި ހުންނަ ހާޑްވެއާ ފިހާރަ ބަންދުކޮށްފައި ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ.
"ރޭގައި މި ރަށަށް ވަރަށް ވިއްސާރަ. އެ ގަޑީގައި ކަމަށް ބެލެވެނީ ހުސޭނުބެ ގެއަށް ދިޔައީ. އެ ވަގުތު ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިއުމާ އެކު ރަށުގެ މަގުމަތީގައި އެހާ ގިނަ ބަޔަކު ނޫޅޭނެ. އެހެންވެ އެ ވަގުތުގެ ބޭނުން ހިފައި ބަޔަކު މި ކަމެއް ކޮށްފައި އޮތީ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުސޭނުބޭގެ ކޮޓަރި އަށް ވެސް ބަޔަކު ވަދެ ފައިސާތަކެއް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އެއީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.
"ބޮޑަށް ބެލެވެނީ ހުސޭނުބެ މަރާލާފައި ފަހުން ގޮސް ކޮޓަރި އަށް ވަދެ ފައިސާތައް ގެންދިޔައީ ކަމަށް،" ކައުންސިލަރު ވިދާޅުވި އެވެ. "ރޭގައި މިކަމެއް ހިންގި އިރަކު ރަށުތެރޭގައި އެއްވެސް ކަމެއް ވެގެން އުޅޭ ކަމެއް ނޭނގޭ. ހެނދުނު ވީމަ އެނގުނީ ކަމެއް ވެގެން އުޅޭކަން."
ހުސޭނުބޭގެ މަރު އައި ގޮތުން ހޯރަފުށީ މީހުންގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ ރަށުގައި އުޅޭ "ގޭންގްތަކަށެ"ވެ. ހުސޭނުބެ މަރާލާފައި އޮތް ގޭ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ގުރޫޕްތައް ވަރަށް ގިނައިން އުޅޭ ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނެ އެވެ. އަދި ސީނާގޭގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ "ފާޑުފާޑުގެ އެއްޗެހި" ބޭނުންކޮށްފައި ހުންނަ ކަމަށް ވެސް ވެ އެވެ.
"ގޭގެ ތަޅު ހަލާކުކުރާ ވަރުން ކަންތައް ބޮޑުވެފައި އަބަދު ހުންނަން ޖެހެނީ. ތަޅުތައް ހަލާކުކުރާ ވަރަކީ މިހާރު ވެސް އަޅުގަނޑުގެ އަތުގައި އޮންނާނެ ތަޅުތަކުގެ އެތައް ތަޅުދަނޑިތަކެއް. ރޭގައި މި ހަލާކުކުރި ތަޅަށް އެންމެ ގިނަ ދުވަސް ވެސް ވާނީ. މަހެއްހާ ދުވަސް ފަހުން އެ ތަޅު މި ހަލާކުކުރީ. އާދައިގެ ތަޅުލުމުން ހަލާކުކުރާތީ މި ފަހަރު ތަންކޮޅެއް ވަރުގަދަ ތަޅެއް ވެސް މި ލީ،" ޝާމިލާ ބުންޏެވެ.
މީގެ ކުރިން ވެސް ހައްޖުކޮށްފައިވާ ހުސޭނުބެ ވަނީ މިއަހަރު ހައްޖަށް ދިއުމަށްޓަކައި ފައިސާ ވެސް ދައްކާފަ އެވެ. އަދި މާލޭގައި ދިރިއުޅެމުން އަންނަ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މި އަހަރުގެ އުމުރާ އަށް ފަހު އެނބުރި އައިސް ހޯރަފުއްޓަށް ގޮސް ހުސޭނުބެ ހައްޖަށް ދިއުމަށް މާލެ ގެންނަން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު ދޮށީ ދަރިފުޅު މިއަދު ހެނދުނު ކުއްލިއަކަށް ރަށަށް ދާން ޖެހުނީ ބައްޕަގެ ކުއްލި މަރާ ގުޅިގެން ލިބުނު ހިތާމަ އާއި ސިހުމާ އެކުގަ އެވެ.
ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހުސޭނުބެ އަކީ ވަރަށް މަޑުމައިތިރި އަދި މިހާރު ވަރަށް ބަލިކޮށް އުޅޭ މީހެކެވެ.
"އޭނަ އަކީ ވަރަށް ބަލިކަށި މީހެއް. ހިނގާ ބިނގާވެ އުޅުނަސް ކިރިޔަ ކިރިޔާ ދުނިޔޭގައި އުޅެވެނީ. އެހާ ބަލިކޮށް އާންމުކޮށް އުޅޭނީ،" ހޯރަފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "މި އަތޮޅުގެ މީހުންނަށް ތެޔޮ ވިއްކުމުގައި އެންމެ ފުޅާ ދާއިރާގައި ހަރަކާތްތެރިވަނީ ވެސް އޭނާ. އޭނާ ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް."
ރައީސް ނަޝީދު ހުސޭނުބެގެ މަރާ މެދު ވަރަށް ބޮޑު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ހުސޭނުބެގެ އާއިލާ އަށް ތައުޒިއްޔާ ވިދާޅުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
"މި މައްސަލަ އަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގެން، މިކަން ތަހުގީގު ކުރެއްވުމުގައި ހާއްސަ އަހައްމިއްޔަތު ކަމެއް ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިވަޑައިގެންފަ އެވެ. އަދި މި ކަމުގައި ދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް އާންމު ފަރާތްތަކުން ފުލުހުންނަށް ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވަ އެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
މިއަދު ހޯރަފުއްޓަށް ދިޔަ "ހަވީރު" ގެ ޓީމުން ވާހަކަ ދެއްކި އަބްދުﷲ ޖަމީލް ބުނި ގޮތުގައި ރަށުން ސިފަވަނީ ކުއްލި ޝޮކެއް މުޅި ރަށަށް ލިބިފައިވާ ކަމެވެ.
"މީހުންގެ މޫނުމަތިން ފެންނަނީ ކޮންމެވެސް ކަމަކާ ވަރަށް މަޑުމައިތިރި ވެފައި ތިބިތަން. ރަށް އޮތީ ވަރަށް ހިމޭންކޮށް. ހުސޭނުބޭގެ މަރުން ކޮށްފައިވާ އަސަރުކަމަށް ބެލެވެނީ،" މިއަދު މެންދުރު ފަހު ފްލައިޓުން ހޯރަފުއްޓަށް ދިޔަ ޖަމީލް ރަށުގެ ހާލަތު ސިފަކޮށްދިނެވެ.
ހުސޭނުބެ މަރާލުމާ ގުޅިގެން ހޯރަފުށީގެ ބައެއް މީހުން ވަރަށް ބޮޑަށް ނުތަނަވަސްވެ ބިރުން އުޅޭ އިރު ރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބެލެވޭ މީހުން އުޅޭ ބައެއް ހަޓްތަކުގައި ބައެއް މީހުން ރޯކޮށްލާފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ