ކޮންމެ މުސްލިމަކު ވެސް ހަރަކާތްތެރިވާން ޖެހޭނީ އިސްލާމީ އުސޫލުތަކުގެ ހުދޫދުގެ ތެރޭގައި: ކުރީގެ ރައީސް މައުމޫނު

ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ވެސް އަމަލު ކުރަންވީ އާއްމު އުސޫލުތައް އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ކަމަށާއި ކޮންމެ މުސްލިމަކު ވެސް ހަރަކާތްތެރިވާން ޖެހޭނީ އިސްލާމީ އުސޫލުތަކުގެ ހުދޫދުގެ ތެރޭގައި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓްގެ އޮފީހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް އިއްޔެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވީ ދީނަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ކަމެއް ކަމަށް ހުޅަނގުގެ މީހުން ގަބޫލުކުރި ނަމަވެސް ދީނަކީ ﷲގެ ހިދާޔަތް ކަމަށެވެ. އެހެންކަމުން ދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއް ނުކޮށް ދޫކޮށްލުމުގެ އިހުތިޔާރެއް ނުވަތަ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައިގަތުމުގެ މިނިވަންކަމެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް މައުމޫނު ވިދާޅުވެފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ޖަލްސާގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ އިސްލާމީ އުއްމަތަކީ އެއް އުއްމަތަށް ވާހިނދު މުސްލިމުންނަށް ނަސްރުލިބޭނީ އެންމެން އެކަތިގަނޑަކަށް ވެގެން ކަމަށެވެ. އަދި ނާކާމިޔާބީއާ ބާރު ގެއްލެން ދިމާވަނީ މުސްލިމުން ބައިބައިވާތީ ކަމަށާއި މީހުންގެ މެދުގައި ބައިބައިވުން އުފެދޭނެ ކަންތައްތައް ކަމަށްވާ ހަސަދަވެރިވުމާއި އެކެއްގެ ހައްގަށް އަނެކަކު އަރައިގަތުމާއި މީހުންގެ އަބުރާ ބެހުމަކީ އަޅުގަނޑުމެން ރައްކާތެރިވާން ޖެހިފައިވާ ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ފޯމާ ޕްރެޒިޑެންޓުގެ ބަޔާނުގައި ވެ އެވެ.
"ރަމަޟާންމަހުގެ ހިދާޔަތު"ގެ ނަމުގައި ކުރިއަށް ގެންދާ އިހްޔާ ކުރުމުގެ ޖަލްސާތައް ކޮންމެ ހަފުތާއަކު އެއްރޭ އޮންނާނެ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.
ފޯމާ ޕްރެޒިޑެންޓްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕްރޮގްރާމުގައި މައުމޫނު ދީނީ ނަސޭހަތް ދެއްވަނީ ގިނަ ބަޔަކު އެކަމަށް އެދެމުން ދިއުމުގެ އިތުރުން ރާއްޖޭގައި އިހުޔާކުރުމުގެ ޕްރޮގްރާމަކީ މައުމޫނު އިސް ނަންގަވައިގެން ފެއްޓެވި ޕްރޮގްރާމަކަށް ވާތީ އެވެ. އަދި އެ ޕްރޮގްރާމުގައި އެއްވެސް ސިޔާސީ ކުލައެއް ޖެހިފައި ނުވާނެ ކަމަށް އެ އޮފީހުން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ