ސުޕްރީމް ކޯޓުގެ އަމުރު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ތިން ސިޓީއެއް ފޮނުއްވައިފި

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ ސުޕްރީމް ކޯޓަށް ތިން ސިޓީއެއް ފޮނުއްވައިފި އެވެ.
ރައީސް ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ތިން ސިޓީގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ފާހަގަކުރެވޭ މައިގަނޑު ތިން މައްސަލަ ފާހަގަކުރެއްވުމާއެކު ސުޕްރީމް ކޯޓުގެ އަމުރު ބާތިލްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ޔާމީން ފޮނުއްވި ތިން ސިޓީގައިވެސް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ގާނޫނު އަސާސީން ދައުލަތް ހިންގުމުގެ ނިޒާމުތަކަަށް ބުރޫއަރާ، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްލަހަތުތަކެއް ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެ އަމުރާ އެއްގޮތަށް ދައުލަތް ހިންގަން ފަށައިފިނަމަ ގާނޫނު އަސާސީގެ ބޭނުން ކެނޑިދާނެ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ސިޓީގައިވެ އެވެ. އެހެންކަމުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ)އާއި (ނ)ގެ ދަށުން ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ވަނީ މިސިޓީތަކުގައި ތިން ކަމެއް ފާހަގަކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅުވައިގެން ރައީސް ފާހަގަކުރައްވާ ތިން މައްސަލަ އަކީ އެ އަމުރުގެ ސަބަބުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބާރު ހަނިވެގެން ދިއުމާއި، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކުރި ގޮތުގެ މައްސަލައާއި، ސުޕްރިމް ކޯޓުގެ އަމުރުގައި ދޫކޮށްލުމަށް އަމުރުކޮށްފައިވާ ފަރާތްތައް ކަނޑައެޅި ގޮތާއި އަދި އެފަރާތްތައް ދޫކޮށްލައިފިނަމަ ދިމާވެދާނެ މައްސަލަތައް ފާހަގަކުރައްވާފައިވާ ތިން މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ