ލ. ފޮނަދުއަށް ކަރަންޓް ދިނުމަށް 500 ކިލޯ ވޯޓްގެ އިތުރު ޖަނަރޭޓަރެއް ގަންނަން އޯޑަރު ދީފި

ލ. ފޮނަދުއަށް ކަރަންޓް ހިދުމަތް ދިނުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް 500 ކިލޯގެ އިތުރު ޖަނަރޭޓަރެއް ގަންނަން އޯޑަރު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިމާލް ވިދާޅުވީ، ފޮނަދުއަށް ކަރަންޓްގެ ހިދުމަތް ދާއިމީ ގޮތެއްގައި ދިނުމަށް ސަރުކާރުން ގަތުމަށް ހަމަޖެއްސާފައިވާ ޖަނަރޭޓަރަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. މީގެއިތުރުން އެރަށަށް ބޭނުންވާ ޕެނަލް ބޯޑެއްވެސް މިޖަނަރޭޓަރާ އެއްކޮށް ގަތުމަށް އޯޑަރ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ރައްޔިތުން އިންޖީނުގެ ހިންގަމުން ދިޔައިރު ބޭނުންކުރި ތިން ޖަނަރޭޓަރުގެ ތެރެއިން 500 ކިލޯ ވޯޓްގެ އިންޖީނު އިންސްޓޯލް ކުރިތާ ހަތަރުމަސް ދުވަހުގެ ތެރޭގައި ހަލާކުވުމާ ގުޅިގެން ދާދިފަހުން ސަރުކާރުން ދިން ޖަންރޭޓަރެއް އިންސްޓޯލްކޮށް ކަރަންޓު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެޖަނަރޭޓަރުގައިވެސް މައްސަލަޖެހިގެން އެރަށުގެ ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
ލ. ފޮނަދޫއަށް ކަރަންޓުގެ ޚިދުމަތް ކުރިމަތިވެގެން އުޅޭތާ މިހާރު ގާތްގަނޑަކަށް 7 މަހަށްވުރެ ގިނަދުވަސް ވެފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިދިޔަ ޖުލައިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ފެނަކަ ކުންފުނިން ފޮނަދޫ އިންޖީނުގޭގެ ހަރަދުތައް ބަލަހައްޓަމުން އައިސް، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެއިންޖީނު ވަނީ ފެނަކަ ކުންފުނީގެ ދަށަށް އެއިންޖީނުގެ ބަދަލުކޮށްފައެވެ. މިއީ ފެނަކަ ފުންފުނީގެ ދަށަށް ގެނެސްފައިވާ ފުރަތަމަ އިންޖީނުގެއެވެ.
މީގެއިތުރުން އެރަށުގެ ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމަށްވެސް އެކުންފުންޏާ ސަރުކާރުންވަނީ ޙަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ