ސިފައިން އަބްދުﷲ ގާޒީ ހާޒިރު ނުކުރުމުން މިއަދުގެ ޝަރީއަތް ވެސް ކެންސަލް!

ދަށު ކޯޓުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ފިވަޅު ނޭޅުމަށް ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް ޖޭއެސްސީ އިން ހުށަހެޅި މައްސަލާގައި ސިފައިންގެ ބަންދުގައި ހުންނެވި އަބްދުﷲ މުހައްމަދު މިއަދު ވެސް ހާޒިރު ނުކުރުމުން މިއަދުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ޖޭއެސްސީގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރު ޖޭއެސްސީން އިސްތިއުނާފު ކުރި މައްސަލައިގެ ޝަރީއަތް މިއަދު ވެސް ކެންސަލް ކުރަން ޖެހުނީ އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައި ނުވުމުން ކަމަށެވެ.
އަމީން ވިދާޅުވީ މިއަދު ހަވީރު 4:30 އަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރަން ސިފައިންގެ މައްޗަށް ނެރުނު އަމުރާ އެއްގޮތަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައި ނުވާ އިރު ބަދަލުގައި ވެސް ބޭފުޅަކު ހަމަޖައްސާފައި ނުވާ ކަމަށާއި ބަދަލުގައި ބޭފުޅަކު ހަމަޖެއްސި ނަމަ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވެސް ކޯޓަށް ހާޒިރުކޮށްދީފައި ނުވޭ. އަދި އޭނާގެ ބަދަލުގައި ވެސް ބޭފުޅަކު ހަމަޖައްސާފައި ނުވޭ. އެހެންވުމުން މިއަދުގެ ޝަރީއަތް ވެސް ކެންސަލް ކުރަން ޖެހުނީ،" އަމީން ވިދާޅުވި އެވެ.
އެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ޓަކައި އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް ހައިކޯޓުން ވަނީ ސިފައިންގެ މައްޗަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް އެދުވަހު ވެސް ސިފައިން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައެއް ނުވެ އެވެ.
ހައިކޯޓުން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރުމަށް އެންމެ ފުރަތަމަ އަމުރެއް ނެރުނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވި ޗިޓް ބާތިލުކުރުމަށް އަބްދުﷲ ގާޒީ ހުށަހަޅާފައިވާ މައްސަލަ ބެލުމަށެވެ. ނަމަވެސް އެދުވަހު އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައި ނުވުމުން އަބްދުﷲ ގާޒީގެ ވަކީލުންގެ ހާޒިރުގައި ވަނީ އެ މައްސަލައިގެ ޝަރީއަތްނިންމާލާފަ އެވެ.
މީގެއިތުރުން އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ވެސް ވަނީ އަބްދުﷲ ގާޒީ ހާޒިރުކޮށްނުދިނުމުން ކެންސަލްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ މިނިވަން ކުރުމަށް ގޮވާލައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުންނާއި ހައި ކޯޓުން ވަނީ ސަރުކާރާއި އަސްކަރިއްޔާގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރަށް ސަރުކާރުންނާއި ފުލުހުން ވަނީ ބީރު ކަންފަތެއްދީފަ އެވެ. އަދި އަބްދުﷲ ގާޒީ އަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ވަކީލަކާ ބައްދަލު ކުރުމުގެ މިނިވަން ކަމަށް ވެސް ސަރުކާރުން ވަނީ ނިގުޅައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ