އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު އަދި ގޮތެއް ނުނިންމަން: ޑރ.ޑީޑީ

މިއުސަމް އައްބާސް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބާއްވަން ނިންމާފައިވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް އެމްޑީޕީގެ ރައީސް ޑރ.އިބުރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ސީއެންއެމް އަށް ފޮނުވި އެސްއެމްއެސްއެއްގައި ވާދަކުރުމާމެދު ގޮތެއް ނިންމަން ނަގާނެ ދުވަހެއް، ޑރ.ޑީޑީ ވިދާޅުވެފައިނުވެ އެވެ.
އިއްޔެ އެމްޑީޕީން ބޭއްވި ކުއްލި ގައުމީ މަޖުލީހުގެ ޖަލްސާއިން ނިންމާފައި ވަނީ ރިޔާސީ އިންތިހާބަކަށް ދާންވެއްޖެ ނަމަ މެއި މަހުގެ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށެވެ. މި ކުއްލި ބައްދަލުވުމުގައި ޕްރައިމަރީއަކަށް ދާން ފާސްކުރި ނަމަވެސް ގިނަ މެމްބަރުން ވަނީ ރައީސް ނަޝީދަށް އެމްޑީޕީން ޓިކެޓް ދީފައިވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށްވާތީ އެކަމަށް ކުރިމަތިލާން ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ.
ރޭ މުޒާހަރާގައި ވާހަކަދައްކަވަމުން ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ އޭނާވެސް ވެރިކަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ރައީސް ނަޝީދަށް ޕާޓީން ޓިކެޓް ދީފައިވަނީ 5 އަހަރަށް ކަމަށްވާތީ ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށެވެ.
ޑރ.ޑީޑީ ކުރިން ތުލުސްދޫއަށް ވަޑައިގެންނެވި ދަތުރެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ވާދަކުރައްވާ އެއްވެސް އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ