ޖާނަލިސްޓް އޮފް ދަ އިއަރ 2013 އަހުމަދު ނައުޝާދަށާއި، ފަޒީނާ އަހުމަދަށް
މޯލްޑިވްސް މީޑިއާ ކައުންސިލުން ތަޢާރަފްކުރި ޖާނަލިސްޓް އޮފް ދަ އިއަރ ދެހާސް ތޭރަ، ނުވަތަ އަހަރުގެ ނޫސްވެރިޔާގެ އެވޯޑް ދިވެހިރާއްޖޭގެ އަޑުގެ އަހުމަދު ނައުޝާދަށާއި، ހަވީރު ނޫހުގެ ފަޒީނާ އަހުމަދަށް ލިބިއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާއި ގުޅުވައިގެން ދަރުބާރުގޭގައި ބޭއްވި އެހަފްލާގައި ދިވެހިރާއްޖޭގެ އަޑުގެ އަހުމަދު ނައުޝާދުއަށް ދެހާސް ތޭރަވަނަ އަހަރުގެ ނޫސްވެރިޔާގެ އެވޯޑް ލިބުނީ ރޭޑިއޯ ޖާނަލިސްޓްގެ ދާއިރާއިންނެވެ. އެ އެވޯޑަށް ޖުމްލަ ހަތަރު ނޫސްވެރިއަކު ނަން ހުށަހަޅާފައިވެއެވެ. އަދި ފަޒީނާ އަހްމަދަށް، ދެހާސް ތޭރަ ވަނަ އަހަރުގެ ނޫސްވެރިޔާގެ އެވޯޑް ލިބުނީ ނޫސް މަޖައްލާގެ ދާއިރާއިންނެވެ. އެދާއިރާއަށް ހަތް ފަރާތަކުން ނަން ހުށަހަޅާފައިވެއެވެ.
ޓީވީ ޖާނަލިސްޓް އޮފް ދަ އިއަރދެހާސް ތޭރައިގެ އެވޯޑަށްވެސް ހަތް ނޫސްވެރިއަކު ނަން ހުށައަޅާފައިވީނަމަވެސް އެކަށީގެންވާ ވަރަށް "މެޓީރިއަލް" ހުށަހަޅާފައި ނުވާތީ އެއްވެސް ނޫސްވެރިއަކު، އެއެވޯޑަށް ނޮމިނޭޓްވެފައެއް ނުވެއެވެ. އެހެން ކަމުން މިއަހަރު ޓީވީ ކެޓަގަރީން އެއްވެސް ފަރާތަކަށް އެވޯޑް ދީފައެއް ނުވެއެވެ.
އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްސީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރާއްޖޭގެ ނޫސްވެރި ކަމުގެ ދިގު ތާރީހުގައި ނޫސްވެރިންނަށް ފުރަތަމަ ފަހަރަށް މިފަދަ އެވޯޑް ދޭން ނިންމީ ނޫސްވެރިންނަކީ ސައުވީސް ގަޑިއިރު ވަރުބަލިވުމެއްނެތި މަސައްކަތް ކުރާ ބަޔަކަށް ވުމުން، އެފަރާތްތަކުގެ ބެލެނިވެރި ކަމުގައި އެމްއެމްސީ އޮވެ، ނޫސްވެރިންނަށް ހިތްވަރުދީ އަގުވަޒަން ކުރުމުގެ ގޮތުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ