ރަށްރަށުގެ އިހުތިސާސް ކަނޑައަޅާފައިވަނީ ގާނޫނާ އެއްގޮތަކަށް ނޫން: މެމްބަރު ސަލީމް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގެ އިހުތިސާސް ކަނޑައަޅާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމްއާ ސުވާލުކުރެއްވުމުގެ ފުރުސަތުގައި މެމްބަރު ސަލީމު ވަނީ، ރަށްރަށުގެ އިހުތިސާސް ކަނޑައަޅަފައިވަނީ ގާނޫނާ އެއްގޮތައްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ އިހުތިސާސް ކަނޑައެޅުއްވިއިރުގައި، މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އެކަން ހިނގީ، އިހުތިސާސް ކަނޑައަޅާފައިވަނީ ރަށުގެ ގޮނޑުދޮށުން ފެށިގެން. ގާނޫނުގައި ވަރަށް ސާފުކޮށްބުނޭ، ރަށުގެ އުރަފަތުން ފެށިގެން ކަމަށް 700 މީޓަރު ކަނޑައަޅަންޖެހޭނީ. މިއީ ވަރަށް ބޮޑު ހައްގެއް، ވަރަށް ގިނަ ރަށްރަށަށް ގެއްލިގެންދާކަމެއް. މިކަން އިސްލާހު ކުރައްވަން، ނުވަތަ މިކަން ހިނގާފައޮތީ މިހެންކަން މިނިސްޓަރަށް އެނގިވަޑައިގަންނަވާތޯ،
~ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
މެމްބަރު ސަލީމުގެ އެ ސުވާލާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށްރަށުގެ އިހުތިސާސް ކަނޑައެޅުމުގައި ގާނޫނާ ޚިލާފަށް ކަމެއް ކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ޖެހޭނީ އިތުރަށް ބަލައިލަން ކަމަށެވެ.
މިހާރު ގެޒެޓް ކޮށްފައިވާނެ ހުރިހާ ރަށެއްގެ އިހުތިސާސް. އެކަން ކޮށްފައިއޮތްގޮތް، ގާނޫނާ އެއްގޮތަށް ނޫންކަމަށް ދޭހަވާގޮތަކަށް އިއްޒަތްތެރި މެމްބަރު ތިކަން ފާހަގަކުރެއްވީ، އަޅުގަނޑު ތި ސުވާލަށް ޖަވާބުދިނުމުގެ ކުރީގައި، އަޅުގަނޑު ގަބޫލުކުރަނީ އެކަން ކުރެވިފައިވަނީ ގާނޫނާ ޚިލާފަށްތޯ ނޫނީ ގާނޫނާ އެއްގޮތަށްތޯ އަޅުގަނޑު ޖެހޭނީ އިތުރަށް ބަލައިލަން،
~ ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް
މެމްބަރު ސަލީމް އެ ވިދާޅުވި ގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާޙްގެ 1-56 (ށ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ރަށަކާ ގުޅޭގޮތުންނަމަ، އެރަށެއްގެ ކައުންސިލްގެ އިހުތިސާސަކީ އެ ރަށާއި އެރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށެވެ. އަދި ހަމަ އެމާއްދާގެ ދެވަނަ ނަންބަރުގައި ބުނަނީ، އިހުތިސާސް ހިނގާ ސަރަހައްދު ކަނޑައަޅައި ރަށުގެ ފަޅުތެރޭގައި އެހެން ރަށެއް ނުވަތަ ރަށްތަކެއް އޮތްނަމަ، އިހުތިސާސް ކަނޑައަޅާ ރަށާއި އެންމެ ކައިރިއަށް އޮތް ރަށަކާ ދެމެދުގައި ހުރި ދުރުމިންބަލައި، އެ ދުރުމިނުގެ ދެބައިކުޅަ އެއްބަޔަށްވާ ދުރުމިން ފާހަގަކޮށް އިހުތިސާސް ކަނޑައެޅުމަށެވެ.
ގާނޫނުގައި ބުނެފައިވަނީ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދަކީ އެރަށެއްގެ އިހުތިސާސް ހިނގާ ސަރަހައްދުކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ރަށުގެ ފަޅާއި ކަނޑާބެދުނު ހިސާބު (ކަނޑުއޮޅި)ން ފެށިގެން 700 މީޓަރު ސަރަހައްދެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، އަދި ރަށު ކައުންސިލްތަކުގެ އިޚުތިޞާޞްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ޤަރާރަކުން މާރޗް 15، 2020 ވަނަ ދުވަހު ކަނޑައަޅުއްވައި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައިވެއެވެ.
ބައެއް ރަށުގެ އިހުތިސާސް ކަނޑައަޅާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހުން ހުރިނަމަވެސް، ބައެއް ރަށްރަށުގެ އިހުތިސާސް ކަނޑައަޅާފައިވަނީ ރަނގަޅަށެވެ. ނަމަވެސް ބޮޑަށް މައްސަލަތައް ފެންމަތިވެފައިވަނީ، އެއް ފަޅެއްގައި ގިނަ ރަށްރަކެއް ހިމެނޭ އަދި ބޮޑެތި ފަޅުތައް ހުންނަ ރަށްތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ