ޖޭޕީ އަދި އެމްޑީޕީ ގުޅިގެން ކުރަނީ ބޭކާރު މަސައްކަތެއް - މައުމޫން

ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަނީ ބޭކާރު މަސައްކަތެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތިމާވެށީގެ މައްސަލަތަކުގެ މަޝްވަރާ ބައްދަލުވުމަކަށް މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ ދެ ޕާޓީ ގުޅިގެން ޤާނޫނު އަސާސީގެ ހިމާޔަތުގައި ނުކުންނަނީ ކަމަށް ބުނުމުމަކީ ޖޯކެއް ކަމަށެވެ.
"ކޮން ބޭނުމެއްގައިތ ޤާނޫނު އަސާސީ ހިމާޔަތް ކުރަންށޭ ކިޔާފަ ބަޔަކު ނުކުންނަންވީ. އަޅުގަނޑު ގާތަށް އަންނަނީ ހިނި."، ކުރީގެ ރައީސް ވިދާޅުވިއެވެ.
އަދުގެ ސަރުކާރުން ޤާނޫނު އަސާސީއަށް ފުރިހަމައަށް ކިޔަމަން ގަންނަ ކަމަށާއި، ޤާނޫނު އަސާސީއާއި ޚިލާފަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ
" އަޅުގަނޑު ހިތަށް އަރަނީ ޙަޤީޤަތުގައި އެއީ ކޮންކަހަލަ މަސައްކަތެއް ބާއޭ.ޤާނޫނު އަސާސީއަށް އަޅުގަނޑުމެން ހުރުމަތްތެރިކޮށް ހިތަން. އެބަ ރައްކާތެރިވަން. ޚާއްސަކޮށް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ޤައްޔޫމް ގެންދަވަނީ ވަރަށް ބޮޑަށް ޤާނޫނު އަސާސީއާއި އެއްގޮތަށް ކަންތައްތައް ކުރައްވަމުން. އެއްވެސް ކަމެއް ނެތް ސަރުކާރުން ޤާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައެއް."، ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ވަހަކަފުޅު މިފަދައިން ހުރިނަމަވެސް އެމްޑީޕީ އަދި ޖޭޕީން އަންނަނީ ޤާނޫނު އަސާސީގެ ދިފާއުގައި ދެ ޕާޓީ އެކީގައި ނުކުންނާނެެ ކަމަށް ބުނަމުންނެވެ. އަދި ސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށް ކަންކަން ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް، މި ވެރިކަން ބަދަލު ކުރާނެ ކަމަށް އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ