މަސްތުވާތަކެތީގެ މައްްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު ދޫކޮށްލުމަށް ހައިކޯޓުން އަމުރުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ފުލުހުން އެދިގެން ޕީޖީ އޮފީހުން މިމައްސަލަ ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ.
މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވޭތީ ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަމުުރުކޮށްފަ އެވެ.
ގާޒީ އިބްރާހީމް ރަޝީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ބުނީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތާއި ގުޅިގެން ޖޭއެސްސީގެ ހިންގާ ގަވައިދުގެ 42 ވަނަ މާއްދާގެ ދަށުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އިއްޔެއިން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހީމް ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ތިނަދޫ މެޖިސްޓްރޭޓް ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ