ގައުމަށް މިއަދު ބޭނުމީ 21 ވަނަ ގަރުނުގައި ގައުމަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންކެރޭ ތައުލީމީ ގާބިލް ޒުވާނުންތަކެއް އުފެއްދުން ކަމަށް ވިލާ ކޮލެޖުގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ ހަތަރުވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގެ މުސްތަގުބަލަކީ އަދި އެންމެ ބޮޑު ރައުސުލްމާލަކީ މިއަދުގެ ތައުލީމީ ޒުވާނުން ކަމަށެވެ. އަދި އެމީހުންނަކީ ގައުމުގެ މާދަމާގެ ލީޑަރުން ކަމަށްވާތީ ގައުމަށް ހިދުމަތްކުރުމާއި ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަމަކަށްވާންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ކިބައިން ގާސިމް އިބްރާހީމް އެދިވަޑައިގެންނެވީ އެކުދިންނަށް ލިބުނު ތައުލީމުގެ ބޭނުން ހިފައިގެން ގައުމުގެ ސުލްހައާއި ހަމަޖެހުން ހިފެހެއްޓޭނެ ގޮތަކަށް މަސައްކަތް ކޮށްދިނުމަށެވެ. އަދި މުޖުތަމައު ރަގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު ވިސްނުމަށް ވެސް ދަސްވެނިވި ކުދިންގެ ކިބައިން ގާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިއަދު ވިލާ ކޮލެޖުން ދަސްވެނިވި ކުދިންގެ މަސައްކަތުން ގައުމަށް ބަދަލުތަކަކާއި ކުރިއެރުން ތަކެއް ގެނެވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މީގެ ހަ އަހަރުކުރިން ވިލާ ކޮލެޖް ވުޖޫދަށް އައުމާއި ހަމައަށް ރާއްޖޭގެ ކުދިންނަށް ވަޒީފާގައި ތިބެގެން މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތެއް ނެތް ކަމަށެވެ. ވިލާ ކޮލެޖު ވުޖޫދަށް ގެނައީ މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ކުދިން ތަކެއް ތިބި ކަން އިހްސާސް ކުރެއްވޭތީ އެކުދިންނަށް ވަޒީފާ ތަކުގައި ތިބެގެން ކިޔެވޭނެ ފުރުސަތެއް ހޯދައިދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެއްވިގެން ކަމުގައި ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ވިލާ ކޮލެޖު ކެމްޕަސްތައް އަތޮޅު ތެރޭގައި ބިނާކުރެވި ހިދުމަތް ދެވެމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ އެކަމުގެ ސަބަބުން ރަށްތަކުގައި ދިރިއުޅޭ ކުދިންނަށްވެސް މަތީ ތައުލީމްގެ ފުރުސަތު ފަހިވެ މިހާރަށްވުރެ ފަސޭހައިން ތައުލީމް ލިބޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ވިލާ ކޮލެޖުގެ ހިދުމަތް މިއަދު ފުޅާވަމުންދަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ވަރަށް މުހިއްމު ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމްގެ ވާހަކަފުޅު ނިންމަވާލެއްވީ ވިލާ ކޮލެޖުގެ ހަތަރުވަނަ ދަސްވެނިވުން ޝަރަފުކޮށްދެއްވުމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަހްމަދު އަބްދުﷲ ބަދާވީއާއި މެލޭޝިޔާގެ އޯޕަން ޔުނިވަސިޓީގެ ޗާންސެލާ އަދި ބަދާވީގެ އަނބިކަނބަލުން ތުން ޖިން އަބްދުﷲއާއި އެޔުނިވަސިޓީގެ އިސްވަފްދެއް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވާތީ އެބޭފުޅުންނަށް ހާއްސަ ޝުކުރު ދެންނެވުމަށްފަހު އެވެ. އަދި ގާސިމް އިބްރާހީމްގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހްމަދު އަންވަރާއި ވިލާ ކޮލެޖުގެ އިސްވެރިންނާ މުވައްޒަފުން އެކޮލެޖުގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގާސިމް އިބުރާހިމް ވަނީ އެމަނިކުފާނުގެ ނަންފުޅުގައި ވިލާ ކޮލެޖުން ދެމުންގެންދާ އެވޯޑް ފޯ އެކްސެލެންސް ލިބުނު ވިލާ ކޮލެޖުގެ ހަތަރު ދަރިވަރުންނަށް އެ އެވޯޑް ހަވާލުކުރައްވާފަ އެވެ.
ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް ލިބުނު ހަތަރު ދަރިވަރުންނަކީ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެދި ޝިފާޒާ މުހައްމަދާއި، ބެޗްލާ އޮފް އެޑިއުކޭޝަން މެތްމެޓިކްސް ހެދި ފާތިމަތު އަޒުރާއާއި، ބެޗްލާ އޮފް އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން ހެދި ހާމިދު އަލީއާއި އަދި ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ހަދާފައިވާ މުހައްމަދު ހަސަން އެވެ.
މިއެވޯޑަކީ ސްކޮލަޝިޕުގައި ދަރިވަރަކު ކިޔެވި ނުވަތަ ހަދާފައިވާ ޕްރޮގްރާމަކުން އެއްވަނަ ހާސިލްކުރާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
ބޭނުންވަނީ ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލާން ކެރޭ ބަޔަކު އުފެއްދުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ