މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 10 ނޮވެންބަރު 2019 ވަނަދުވަހުގެ ރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޚާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މިއަހަރުގެ ޚާއްޞަ އިނާމު 39 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފެއް ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ. މީގެ އިތުރުން ޤައުމީ ކުޅިވަރު ދެޓީމެއްވެސް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކީ ރ. ހުޅުދުއްފާރު އޯކިޑްވިލާ ޑޮކްޓަރ ޔޫސުފް ނިޡާމެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު ހާސިލު ކުރެއްވީ 32 ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރޭގައި މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވި 18 ބޭފުޅުންނާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރެއްވި އެއް ބޭފުޅަކާއި، ބެޗްލަރޒް ޑިގްރީ ހާސިލުކުރެއްވި 13 ބޭފުޅުން ހިމެނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ