އެމެރިކާގެ ސީއައިއޭގެ ވެރިޔާ މިއަދު ނަތަންޔާހޫއާ ބައްދަލުކުރަނީ

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް މިއަދު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޣައްޒާގެ އެންމެ ދެކުނުގައި ދެ މިލިއަނެއްހާ މީހުން ރައްކާތެރިކަން ހޯދުމަށް ގޮސްފައިވާ ރަފާހް ސަރަހައްދަށް އިސްރާއީލުން ހަމަލާދޭން ފަށާފައިވާއިރު، ސީއައިއޭގެ ވެރިޔާ ބިލް ބާންސް މިއަދު ނަތަންޔާހޫއާ ބައްދަލުކުރުމަށް އެ ގައުމަށް ދާނެ ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ވެސް ވަނީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް މީގެ ދެތިން ދުވަސް ކުރިން މިސްރަށް ގޮސްފައެވެ.
އޭނާ އެ ގައުމަށް ދަތުކުރަން ނިންމާފައިވާއިރު، އިސްރާއީލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތައް މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްގެންދިޔުމަށް ވަނީ ނިންމައިފައެވެ. އެ ބައްދަލުވުމުގައި ގަތަރު، އެމެރިކާ، އަދި މިސްރުގެ ވަފުދުތައް ބައިވެރިވާނެއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ރަފާހްއަށް ހަމަލާ ދޭން ފަށައިފާނެތީ، އެމެރިކާއިން ވަނީ ބޮމުގެ ޝިޕްމަންޓެއް އިސްރާއީލަށް ނުފޮނުވައި ލަސްކޮށްފައެވެ. ނަން ހާމަ ނުކުރާ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އޭޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޝިޕްމެންޓް އެމެރިކާއިން ލަސް ކުރީ މިދިޔަ ހަފްތާގެ ތެރޭގައެެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން 34،789 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހަމަލާތަކުގައި ޣައްޒާގެ އުތުރާއި މެދުތެރެ ވަނީ ސުންނާފަތިކޮށްލާފައެވެ. އެހެންވެ، ހަނގުރާމައިން ފިލަން ޣައްޒާގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެންމެ ދެކުނުގައި އޮންނަ ރަފާހްއަށް ގޮސްފައެވެ.
ރަފާހްއަށް އަރައިފި ނަމަ އިންސާނީ ބޮޑު ކާރިސާއެއް އުފެދި، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެކަން ނުކުރުމަށް ގައުމުތަކުން އިސްރާއީލަށް ގޮވާލަމުން ދިޔަ ނަމަވެސް، އިސްރާއީލުން ވަނީ ރަފާހްއަށް އަރަން ނިންމައިފައެވެ.
ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ދުވަހުން ދުވަހަށް ފުޅާކުރަމުން އަންނައިރު، އިއްޔެގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ޣައްޒާގެ އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަފާހު ހުސްކުރަން އަންގާފައެވެ. ރަފާހުގެ ރައްޔިތުން އެހެން ސަރަހައްދުތަކަށް ބަދަލުވަމުން ދަނިކޮށް، ރޭގެ ވަގުތެއްގައި އިސްރާއީލުން ވަނީ އަސްކަރީ ޓޭންކަރުތަކުން ރަފާހަށް ވަދެގަނެ އާޓިލަރީ އަދި ވައިގެ ހަމަލާތަކެއް ވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ