ގުދަނެއްގައި ރޯވުން: 15 ގެއަކުން މީހުން ހުސްކޮށް، 10 ގެއަކުން 77 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް

ތޯއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ރޭ ރޯވި ސަރަހައްދުގައި ހުރި 15 ގެއަކުން މީހުން ހުސްކުރި ކަމަށާއި އޭގެތެރެއިން 77 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން މިއަދު ބުނެފިއެވެ. މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ އިއްޔެ 21:30 އެހާކަންހާއިރެވެ. މި ހާދިސާގައި ރޯވީ ގަސްކާނާއާއި ކެމިކަލް ހުރި ގުދަނެއްގައެވެ. އެހެންވެ، ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. ރޭ ގާތްގަނޑަކަށް ގަނޑިން 23:15 އެހާކަންހާއިރު އަލިފާންގަނޑު ނިއްވާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމްއިން އަލިފާން ނިއްވާ ފަޔާ ލޮރީ ވެސް ގެނެސްގެންނެވެ. https://x.com/sunbrk/status/2034324147090969013 އެންޑީއެމްއޭއިން ފަތިހު ކުރި ޕޯސްޓެއްގައި ވަނީ، ރޭ 2:30އާ ހަމައަށް އެ ސަރަހައްދުގައި ހުރި 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއީ، 69 އަންހެނުންނާއި 385 ކުޑަކުދިން ކަމަށްވާއިރު، އޭގެތެރޭގައި 302 ބިދޭސީން ވެސް ހިމެނެއެވެ. އެންޑީއެމްއޭއިން ފާހަގަކުރި ގޮތުގައި، ވަގުތީ ބޯހިޔާވަހިކަން ދީފައިވަނީ 10ގެއެއްގެ 77 މީހުންނަށެވެ. މީގެއިތުރުން، 280 ބިދޭސީންނާ ވެރިފަރާތުން ހަވާލުވެފައިވާ ކަމަށާއި 20 ބިދޭސީއަކަށް ދިވެހި ރެޑް ކެރެސެންޓުން އެހީތެރިކަން ދިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގެތަކަށް ބަދަލުވެފައިވާއިރު، 15 ގެއަކުން މީހުން ހުސްކުރީ އެ ސަރަހައްދުގައި ހުރި ބޯދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.އަދި، ދުމުގެ އަސަރުކޮށްގެން މި ހާދިސާގައި ހަތް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އެ މީހުންގެ ހާލު ސްޓޭބަލް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. މި ހާދިސާގައި އެ ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ