ރިޔާސީ އިންތިހާާބާއި ރައްޔިިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް ނަގާ ވޯޓަކީ ރައްޔިތުންގެ އިތުބާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގެއްލުމުން ޖަހާ މަޅިއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރޭ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ދެން މި ވެރިކަމަށް "އާއެނކޭ" ނުބުނާނެކަން ޔަގީންވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރެފަރެންޑަމްގެ ވާހަކަ ދައްކަވަނީ އެ ސަބަބަށްޓަކައި ކަމަށް އިބޫ ވިދާޅުވި އެވެ.
މަޖިލީހުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އުޅެނީ މަޖިލީހުގައި އެންމެ ދެ ގަޑިއިރުގެ ބަހުސަކަށްފަހު ނިންމާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ. ނަމަވެސް ގާނޫނު އަސާސީއަށް ބަދަލެއް ގެންނަންނަމަ އަދި ހާއްސަކޮށް ރައްޔިތުންނާ ހިސާބަށް ގެންނަ ކަމެއްގައި ރައްޔިތުން ދެކޭގޮތް ބަލަން ގެންނަ އިސްލާހެއްގެ ގޮތުގައި ކަންކުރަންވާނީ އެގޮތަކަށް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.
"ހަމައެކަނި މަގުސަދަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތްކަން އެބޭފުޅާއަށް އެނގިވަޑައިގަންނަވާތީ ޖަހާ މަޅިއެއް އެއީ،" އިބޫ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސް މުއިއްޒު ނެރުއްވި ގަރާރު ބާތިލުކުރަން ސުޕްރީމް ކޯޓަށް ގާނޫނީ ވަކީލުންތަކެއް ވަނީ މައްސަލައެއް ވައްދާފަ އެވެ.
ރެފަރެންޑަމް ވޯޓަކީ އިތުބާރު ގެއްލުމުން ޖަހާ މަޅިއެއް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ