ޒުވާނުން ގޭންގު ކުށްތަކުގައި ބައިވެރިވާ ސަބަބު ދެނެގަނެ އެކަންކަމަށް ހައްލު ހޯދަން ޖެހޭ: އަޒާން

ޒުވާނުން ގޭންގު ކުށްތަކުގައި ބައިވެރިވާ ސަބަބު ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ މި ބިލަކީ ރާއްޖޭގައި އަމަން އަމާންކަން ގާއިމް ކުރުމަށާއި، ގޭންގު ކުށްތަކުން ޒުވާނުން ދުރުހެލި ކުރުވުމަށް ސަރުކާރުން އިސްކަން ދެއްވާ މިންވަރު ހާމަވާ ބިލެއް ކަމަށެވެ.
އަޒާން ވިދާޅުވީ މިފަދަ މުހިންމު ބިލަކަށް ބަހުސް ކުރަމުންދާއިރު ގޭންގު ކުށްތައް ކުރަން މެދުވެރިވާ ސަބަބާ މެދު ވިސްނައިލުން މުހިންމު ކަމަށެވެ.
އެގޮތުން، ޒުވާން އުމުރުގައި ގޭންގުތަކުގައި ކުދިން ބައިވެރިވަނީ ކީއްވެތޯ ހޯދަން ޖެހޭ ކަމަށާއި، އެފަދަ ކަންތައްތައް ބަލައި ދިރާސާކޮށް އެކަންތައްތަކަށް ހައްލު ހޯދަން ޖެހޭ ކަމުގައި އަޒާން ފާހަގަކުރެއްވިއެވެ.
"އެއްވެސް ކުއްޖަކު ސްކޫލު ދައުރުގައި އެމްބިޝަން އަކަށް ނުހަދާނެ ބޮޑުވެގެން ގޭންގު މީހަކަށް ވާކަށް. ނަމަވެސް ޒުވާން އުމުރުގައި އެ ކުއްޖާ ގޭންގު މެންބަރަކަށް ވެގެން މިދަނީ އުޅެ ބޮޑުވާ މާހައުލުގެ ސަބަބުން. އެ ކުއްޖާއަށް ލިބެން ހުރި ފުރުސަތުތައް ނުލިބުމުގެ ސަބަބުން"، އަޒާން ވިދާޅުވިއެވެ.
އަޒާން ފާހަގަކުރެއްވި ގޮތުގައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ނުލިބުމަކީ ގޭންގު ކުށްތަކުގައި ބައިވެރިވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އެގޮތުން، ގޭންގު ކުށްތަކާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، އެފަދަ ކުށްތަކުން ކުއްލި އަކަށް މުއްސަނދިވެ ފާގަތި ދިރިއުޅުމެއް އުޅެމުން ދާތަން ފެނި، އެކަމުގެ ސަބަބުން އެ ޒުވާނުންނަށް ވެސް ހަމަ އެފަދަ ކުށްތައް ކުރުމަށް ހިތްވަރު ލިބޭ ކަން މެންބަރު ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި މިފަދަ ކުށްތަކުގައި ޝާމިލްވާ ވަރަށް ގިނަ ޒުވާނުން އެ ލައިފްއިން ދުރަށް ދާން ބޭނުންވޭ. ނަމަވެސް ފުރުސަތުތައް މަދުވުމާއެކު ރާއްޖޭގައިވެސް އު ފުރުސަތު މި އޮތީ ފަހި ނުވެ. އަޅުގަނޑުމެން ހައްލު ހޯދަންވީ އެކަމަށް. އަޅުގަނޑު ނިސްބަތްވާ އައްޑޫ ސިޓީއަކީ އެންމެ ގިނަ އަދަދަކަށް ޒުވާނުން މިފަދަ ކުށްތަކުގައި ޝާމިލްވާ ސިޓީ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ. ދެން ފެންނަ ތަފާސްހިސާބަކީ އައްޑޫ ސިޓީއަކީ އިގްތިސާދީ ފުރުސަތުތައް އެންމެ މަދު ސިޓީކަން. ވަޒީފާގެ ފުރުސަތުތައް އެންމެ މަދު ސިޓީ ކަން. ދިރާސާތަކުން ދައްކާ ގޮތުގައި އެފަދަ ފުރުސަތުތައް މަދު ހިސާބުތަކުގައި ގޭންގު ކުށްތަކާއި އެހެނިހެން ކުށްތައް ވެސް އާންމުވެ، ގިނަވޭ. އަޅުގަނޑުމެން ހައްލު ހޯދަންވީ މިކަމަށް." އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ގޭންގު ކުށްތަކުގައި މީހުން ބައިވެރިވާ ސަބަބުތައް ނައްތައިލުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖެއަކީ ހަތަރު ލައްކައެއްހާ ކުޑަކުޑަ އާބާދީއެއް އޮތް ގައުމަކަށް ވާއިރު، ޒުވާނުންގެ އާބާދީގެ ބޮޑު އިންސައްތައެއް ހުރަގެޔަށް ލައިގެން މި މައްސަލަ ހައްލު ކުރެވެން ނެތް ކަމަށާއި އޭގެ ބަދަލުގައި މިފަދަ ކުށްތަކުގައި ޒުވާނުން ބައިވެރިވާ ސަބަބު ދެނެގަނެ އެކަމަށް ހައްލު ހޯދުން މުހިންމު ކަމުގައި މެންބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ