ރޯދަ މަހު އުމްރާއަށްދާ މީހުންނަށް ލިމިޓުގެ އިތުރަށް 1،500 ޑޮލަރު ދެނީ ރޯދަ މަހު އުމްރާއަށްދާ މީހުންނަށް ލިމިޓުގެ އިތުރަށް 1،500 ޑޮލަރު ދެނީ

ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރު ލިމިޓްގެ އިތުރަށް 1،500 ޑޮލަރު ދޭން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށްދާ މީހުންގެ ޑޮލަރު ލިމިޓް އިތުރު ކުރަން ނިންމީ ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.
"ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭ އަށް ދަންނަވައިފިން،" ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ޑޮލަރު މާރުކުރުން ލާޒިމުކުރާ ގާނޫނާ އެކު މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ހޯދަން ކަޅު ބާޒާރަށް ދާން ނުޖެހޭނެ ކަމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ޓޫރިޒަމް ވިޔަފާރިތަކާއި 15 މިލިިއަނަށް ވުރެ މަތިން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުގެ ހެޔޮ އަސަރު ވަރަށް އަވަހަށް ދައުލަތުގެ ރިޒާވަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރަން ފަށާނެ ކަމަށެވެ.
އަލަށް އެކުލަވާލި ގާނޫނަށް ގިނަ ރިސޯޓުތަކުން އެއްބާރުލުން ލިބޭ ކަމަށާއި މިހާތަނަށް 25 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖެނުއަރީ 29، ގައި ވިދާޅުފަ އެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓާގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.
މިގޮތުން މަދު ރިސޯޓުތަކެއް ފިޔަވައި، އެހެން ރިސޯޓުތަކުން ގާނޫނަށް ތަބާވެ ޑޮލަރު މާރު ކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރިއަށްދާނަމަ ގާނޫނު ފުރިހަމައަށް ތަންފީޒު ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ