"ބޯހުރާ ތަރައްގީކުރާނީ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް"

ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ތަރައްގީ ކުރުމަށް ބީލަމަށް ލާފައިވާ މ. ބޯހުރާގައި ރިސޯޓެއް ތަރައްގީކުރާނަމަ ތިމާވެއްޓައް ގެއްލުންވާނެ ކަމަށް އަމިއްލަ ފަރާތްތަކަކުން ބުނަމުން ގެންދާތީ ޓޫރިޒަމް މިނިސްޓްރީން އެކަމަށް ރައްދު ދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޯހުރާ ކައިރީގައި އޮންނަ ސާފް ޕޮއިންޓް ރިސޯޓަކަށް ތަރައްގީކުރަން ބީލަމަށްލީއިރު ބޯހުރާގެ ބައުންޑްރީގައި ނުހިމެނޭ ކަމަށެވެ. ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގެ ސަރަހައްދު ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ބައުންޑްރީ ކަނޑައަޅާފައިވަނީ ސާފް ޕޮއިންޓް ވަކިކުރުމަށް ފަހުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިފަދަ ސާފް ޕޮއިންޓްތައް އާއްމުންނާއި ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭ ގޮތަށް ސައިޓް މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމަށް ކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ބޯހުރާ ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފައިވަނީ އެރަށް ހިއްކުމަށް ހުއްދަދޭ ގޮތަށްވެސް ނޫން ކަމަށެވެ. އަދި ބޯހުރާއަށް އަރާ ފޭބުމުގެ އިންތިޒާމު ހަމަޖައްސާނީ ރިސޯޓް ޑިވެލޮޕަރާއި މ. މުލީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުން ކަމަށްވެސް ބުނެފައިވެ އެވެ.
ފ. ނިލަންދޫ ފަޅާއި ކ. ކާށިދޫ ފަޅު އަދި މ. ބޯހުރާ ހިމެނޭ ގޮތަށް ރިސޯޓް ތަރައްގީކުރަން 14 ރަށެއް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފައިވާ ގިނަ ރަށްތަކަކީ މިދިޔަ އަހަރުވެސް ބީލަމަށް ހުޅުވާލި ރަށްތަކެކެވެ. ރިސޯޓް ތަރައްގީ ކުރުމަށް އޭރު ހުޅުވާލުމުން ލިބުނު ބިޑްތަކުގެ ޝަރުތު ހަމަނުވުމުންނާއި ބައެއް ރަށްތަކަށް ބިޑް ނުކުރުމުން އެ ރަށްތައް ދޫކޮށްފައެއް ނުވެ އެވެ.
މިފަހަރު ހުޅުވާލި ރަށްތަކާއި ފަޅުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައި އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ