ބޭސްފަރުވާ އަށް އާރްޓީއެލް ފެރީގައި ހިލޭ ދަތުރު
ބޭސް ފަރުވާ އެއް ރަށުން އަނެއް ރަށަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.މި ހިދުމަތް ފޯރުކޮށްދިނުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީތެރިކަމާއެކު މިހާރުވެސް މަސައްކަތް ކުރިއަށްދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވީ އާއްމުންގެ ހިޔާލުތަކާ އެއްގޮތަށް، ރައްޔިތުން ބޭނުންވާ ބަދަލުތަކާ އެއްގޮތަށް ހިދުމަތަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން ބޮޑެތި އަދި ދާއިމީ ބަލިތަކާ ގުޅިގެން، ގަވައިދުން ފަރުވާއަށް ދަތުރުކުރަންޖެހޭ މީހުންނަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ އަދި އެމްޓީސީސީ ގުޅިގެންނެވެ."މިކަން ފެށުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ދަނީ. ހިދުމަތް ފެށުމާ ވަރަށް ގާތަށް އާދެވިފަ ވަނީ. ބީއެމްއެލް ހާއްސަ ކާޑެއް ދޭނީ އެންސްޕާ މެދުވެރިކޮށް. އެ ކަރޑް ބޭނުންކޮށްގެން، ބަލިމީހާއާއި އަދި އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ. ވަރަށް އަވަހަށް ހިދުމަތް ފަށާނަން" ޔާސިރް ވިދާޅުވި އެވެ.މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އަމާޒު ހިފާފައިވާ އިރު، އެންމެ ފަހުން ހިދުމަތް ފެށީ ބ. އަތޮޅުގަ އެވެ. މިހާރު އަންނަނީ ޒޯން ހަތަރެއްގެ ފަސް އަތޮޅެއްގައި ހިދުމަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.ޒޯން ހަތަރެއްގައި ހިމެނެނީ މ، ފ، ދ، ތ އަދި ލ. އަތޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ