މެލޭޝިއާއަށް ނިސްބަތްވާ ކުންފުންޏަކުން މީރާއަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

މެލޭޝިއާއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ ނައިނޯ ސިންޑިރިއަން ބާރހެޑުން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލްކޯޓުން ނައިނޯގެ މައްޗަށް ހުކުމްކޮށްފައިވަނީ އެކުންފުނިން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ތާރީހަށް ނުދެއްކުމުންނެވެ.
މި މައްސަލާގައި މީރާއިން ވަނީ ޖީއެސްޓީގެ އިތުރުން ކަނޑައެޅިފައިވާ ތާރީހަށް ޓެކްސް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 5.7 މިލިއަން ރުފިޔާ އާއެކު ޖުމްލަ 8.2 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. ނަމަވެސް ފަހުން މީރާއިން ވަނީ ޖޫރިމަނާގެ ބައި އަނބުރާ ގެންގޮސްފައެވެ. 
ސިވިލްކޯޓުގައި 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަުގެ 9 ވަނަ ދުވަހު ރަޖިސްޓްރީކުރި މި މައްސަލައިގެ ހުކުމް ކޮށްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ. ސިވިލްކޯޓުން ކުރި އެ ހުކުމްގައި ބުނެފައިވަނީ ނައިނޯއިން ދައުލަތަށް ދައްކަންޖެހޭ 2،496،523 މިލިއަން ރުފިޔާ ހުކުމް ކުރި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރަން ޖެހޭނޭކަމަށެވެ.
މީރާއިން ދަނީ ދައުލަތަށް ނުލިބިވާ ޓެކްސް ފައިސާ ހޯދުމަށް ޝަރުޢީ މަރުހަލާގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ