ގުރޫޕް ސްޓޭޖުގެ ވާދަވެރި މެޗުތަކާއެކު 10 ބޯލް ޗެމްޕިއަންޝިޕް ފަށައިފިއެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 116 ކުޅުންތެރިން ވާދަކުރާނެއެވެ.
މެއި 13 ގައި ފެށި މި މުބާރާތުގައި ޖުމްލަ 395 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދުވަހު 59 މެޗު ކުޅެފައިވެއެވެ. ދެ ވަނަ ދުވަހުގެ މެދުތައް މިއަދު ހަވީރު އަދި ރޭގަނޑުވެސް ކުރިޔަށްދާނެއެވެ.
10 ބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިންނާއެކު އެކި ފަންތީގެ ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.
މުބާރާތުގައި ވާދަކުރާ ޕެއާތައް ވަނީ 16 ގުރޫޕަކަށް ބަހާލާފައެވެ. އޭގެތެރޭގައި ކޮންމެ ގުރޫޕެއްގައި 8 ކުޅުންތެރިން ހިމެނޭހެން ކަނޑައަޅާފައިވާ 14 ގުރޫޕް އަދި ކޮންމެ ގުރޫޕެއްގައި 7 ކުޅުންތެރިން ހިމެނޭހެން ކަނޑައަޅާފައިވާ 12 ގުރޫޕު ހިމެނެއެވެ.
އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރީ 116 ބައިވެރިންނެވެ. އަހަރަކަށްވުރެ އަހަރެއް މުބާރާތުގެ ބައިވެރިންގެ އަދަދު އިތުރުވަމުން އަންނައިރު މިއީ ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެއްކަން އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ހުޅުމާލެ އާއި މާލޭގައި ޕޫލް ބިލިއާޑަށް ހާއްސަ ދެ ހޯލު ގާއިމުކޮށްފައިވާއިރު މިއަހަރުގެ މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ ހަމައެކަނި މާލޭ ހޯލުގައެވެ. މުބާރާތުގެ ފައިނަލް މެޗުތަކާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މެއި 21 ގައެވެ.
ޓެން ބޯލް އެސޯސިއޭޝަން ކަޕް: ފުރަތަމަ ދުވަހު 59 މެޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ