އެންމެފަހުގެ ކަރަންޓު ބިލާމެދު ރައްޔިތުންގެ ކަންބޮޑުވުން އެނގިއްޖެ - ސްޓެލްކޯ

މިމަހުގެ ކަރަންޓުބިލް ވަރަށްބޮޑު ވެފައިވާތީ ވަރަށްގިން މީހުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މީސްމީޑިޔާގައި ޝުޢޫރުތައް ފާޅުކުރަމުންނެވެ. ކަރަންޓު ބިލުގެ ފޮޓޯތަކާއި، ފާއިތުވި މަސްތަކުގައި ބިލަށް އަރާފައިވާ ވަރާއި އަޅާކިޔައި ސްކްރީން ޝޮޓްތައްވެސް ބައެއް މީހުން ޙިއްސާކޮށްފައިވެއެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކޮންމެ މަހެއްގެ ބިލަށް އެރިވަރު ޙިއްސާކޮށްފައިވާ ބައެއް މީހުންގެ މިމަހުގެ ބިލު ވަނީ ވަރަށްބޮޑުތަނުން ބޮޑުވެފައެވެ.
 
މިކަމާ ގުޅިގެން ޢާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ ޝަކުވާ ގިނަވުމުން އެމައްސަލަ ރައްޔިތުންގެ މަޖިލީހާ ހަމައަށްވެސް މިހާރު ވަނީ ފޯރާފައިކަމަށް ޚަބަރުތައް ބުނެއެވެ. މިމަހުގެ ބިލު އެހާބޮޑު ވެފައިވަނީ ފުރަބަންދުގެ ދުވަސްވަރާ ގުޅިގެން ސްޓެލްކޯއިން ދީފައިވާ ޑިސްކައުންޓް ކަނޑާލުމުން ކަމަށް ސްޓެލްކޯއިން ބުނެފައިވާ ކަމަށްވެސް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.
 
މިވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވަނިކޮށް ސްޓެލްކޯއިން ވަނީ މިކަމާ ގުޅިގެން ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓުގައި ސްޓެލްކޯއިން ބުނެފައިވަނީ ،އެންމެފަހުގެ ކަރަންޓު ބިލާމެދު ރައްޔިތުންގެ ކަންބޮޑުވުން އެނގޭ ކަމަށާއި، އެކަން އަވަސް ގޮތެއްގައި ބަލަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ ކެތްތެރިކަމަށް ޝުކުރު އަދާ ކުރާކަމަށެވެ.
 
ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓް
 
ފުރަބަންދުގެ ދުވަސްވަރު ވަރަށްގިނަ މީހުންގެ ޢާމްދަނީއަށް ވަރަށްބޮޑަށް އަސަރުކޮށް، ވަރަށްގިނަ މީހުންނަށް ޢާމްދަނީ ލިބުން ވަނީ މުޅިން ހުއްޓިފައެވެ. ސްޓެލްކޯއިން ކަރަންޓު ބިލުން ޑިސްކައުންޓު ދިނީ މިކަންކަމަށް ރިޢާޔަތްކޮށެވެ. ފުރަވަބަންދަށް ލުއިތައް ދެމުން އައިސް މިހާރު މިވަނީ ވަރަށްބޮޑަށް ލުއި ލިބިފައެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ގެއްލުނު ހުރިހާ ވަޒީފާތަކެއް ކުއްލިއަކަށް އިޢާދައެއް ނުވާނެއެވެ. ލިބުން ހުއްޓުނު ޢާމްދަނީއެއް ވަގުތުން ލިބޭކަށްވެސް ނުފަށާނެއެވެ. އަމިއްލަ ކުދިކުދި މަސައްކަތްކޮށްގެން ޢާމްދަނީ ހޯދައިގެން އުޅުނު އާޢިލާތަކަށް ކޮވިޑް-19 އާ ގުޅިގެން ދިމާވި މާލީ ގޮންޖެހުންތައް ވަގުތުން ވަގުުތަށް ރަނގަޅެއް ނުވެއެވެ. ނަމަވެސް ސްޓެލްކޯގެ ބިލް ހަމަ ވަގުތުން ބޮޑުވީއެވެ. މިއީ މިދަނޑިވަޅުގައި ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ތަކުލީފެއްކަމަށް މީސްމީޑިޔާގައި އެކި މީސްމީހުން ޙިއްސާކޮށްފައިވާ ލިޔުންތަކުން އެނގެއެވެ.
 
އެހެންކަމުން އެންމެންވެސް އުންމީދު ކޮށްގެން ތިބީ ސްޓެލްކޯއިން މިކަމާމެދު އޯގާތެރި ނިންމުމެއް ނިންމާވެ ވަގުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ