އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާ އެކު ކުރިއަށްދާ ޕާޓީއެއް: ފައްޔާޒު

އެމްޑީޕީ އަކީ އާދަޔާހިލާފު، ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި ކޮންމެ ފަދަ ގޮތަކަށް ހަމަލާ ދިނަސް، ޕާޓީގެ މެމްބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ކުރާ މަސައްކަތާއި އަދި އެކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ މެމްބަރުންގެ ސޮއި ހޯއްދަވަން ފައްޓަވައިފަ އެވެ. އެއާއެކު، އަމިއްލަ ޕާޓީގެ މިނިސްޓަރަކު މަގާމުން ބޭރު ކުރައްވަން އުޅުއްވުމުން، ޕާޓީ ތެރޭގައި ބޮޑު ހަމަނުޖެހުންތަކެއް އޮތް ކަމަށް އިދިކޮޅުން ދަަނީ ތުހުމަތު ކުރަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް މިނިސްޓަރު، މަގާމުން ދުރު ކުރަން އުޅުމަކީ އެ ދެ ބޭފުޅުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތައް އުފެދިފައިވާކަން އެނގޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަން ބޯ، އަޑު އުފުލާ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ހުންނާނެ ކަމަށެވެ. އެކަމަކު ކޮންމެ ފަދަ ގޮތަަކަށް ހަމަލާ ދިނަސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް ވިދާޅުވި އެވެ."އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާ އެކު ކުރިއަށްދާ، އާދަޔާ ހިލާފު ތަފާތު އަދި ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ އަދިވެސް ހައިރާންވޭ،" ޓްވީޓްްގައި ފައްޔާޒު ވިދާޅުވި އެވެ.އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން އުޅޭކަން އެނގިވަޑައިގެންނެވުމުން، ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށާއި، އަދި އިތުބާރުގެއްލޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވީނަމަވެސް މިހާތަނަށް އަދި އެމައްސަލަ މަޖިލީހަށް ހުށައަޅާފައެއް ނުވެއެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރަން ފެށި ފުރަތަމަ ފަހަރެވެ.އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި 25 މެމްބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ. އެކަމަކު ބައެއް މެމްބަރުން ދަނީ ފައްޔާޒުގެ ދިފާއުގައި ފާޅުގައި ވާހަކަ ދައްކަވަމުންނެވެ.އެނގިފައިވާ ގޮތުގައި 33 މެމްބަރުން ސޮއި ހަމަވުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ އެވެ. އެމްޑީޕީ ޕީޖީ ގުރޫޕުގައި ތްރީލައިން ވިޕެއް ނެރެވޭނީ އެ އަދަަދަށް މެމްބަރުންގެ ތާއީދު ލިބިގެންނެވެ.މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ