އިސްރާއީލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިސްރާއީލުން ފަލަސްތީނަށް ހުއްޓުމެއް ނެތި ދެމުންދާ ޢުދުވާނީ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން، ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިސްރާއީލުން ބަލާލުމެއް ނެތި ފަލަސްތީނުގެ އެކި ތަންތަނަށް ދެމުންދާ ހަމަލާތަކާއި، ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުން މަރަމުންދާ އަމަލު ހުއްޓާލަން ވެއްޖެ ކަމަށެވެ.
ރައީސް މައުމޫންގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނާއި އެކު ދިވެހިންގެ ހެޔޮ ދުއާ ވާކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވިއިރު، އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވާފައިވާ އެއް ގައުމަކީ ފަލަސްތީނެވެ.
ރައީސް މައުމޫން ވެރިކަމުގައި އިސްރާއީލާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ކަނޑާވެސްލި އެވެ. އެހެންނަމަވެސް ރައީސް މައުމޫނަށްފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަލުން އިސްރާއީލާއިއެކު ގުޅުން ބަދަހިކުރައްވާފައެވެ.
ރައީސް ނަޝީދު ވެސް ވަނީ، އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ މެދު އެމަނިކުފާނުގެ ކަންބޮޑުވުންތައް ފާޅު ކުރައްވާފަ އެވެ.
އެމަނުކިފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ ކަމަށާއި، ދެ ފަރާތުން ވެސް ސުލްހައަށާއި، ދެ ޤައުމު އެކުގައި އޮންނާނެ ނަތީޖާއެއް ނެރުމަށާއި އަދި ފަލަސްތީނުގެ ދަޢުލަތެއް އޮންނާނެ ގޮތެއް ހެދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދިވެހި ރައްޔިތުން އަޑު އުފުލުމަށް ގޮވާލާ ކަމަށެވެ. އަދި ނަޝީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޣައްޒާގައި ކުށެއް ނެތް އާންމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނީ ހަމަލާތަކާ ދެކޮޅަށް އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ އެންމެހައި ފަރާތްތަކުން އަޑު އުފުލަން ޖެހޭނެ ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި މިހާރު ޝަހީދުވި މީހުންގެ އަދަދު 84 އަށް އަރައިފި ކަމަށް ބޭރު ދުނިޔޭގެ ރިޕޯޓުތައް ބުނެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން މެރުން ހުއްޓާލަން ޖެހޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ