ޗަމްޕާ އަހުމަދު މޫސާ އަވަހާރަވެއްޖެ

ޗަމްޕާ އަހުމަދު މޫސާ އުމުރުފުޅުން 72 އަހަރުގައި ރޭ ފަތިހުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި އަވަހާރަވެއްޖެ އެވެ.
ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އަހުމަދު މޫސާގެ ދަރިކަނބަލުން މުނާ ވިދާޅުވީ ބައްޕަފުޅަކީ ޑަޔަލަސިސް ޕޭޝަންޓެއް ކަމަށާއި ފަރުވާ ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"ވަރަށް ގިނަ ދުވަހު ބަލި އުޅުއްވާފައި ރޭގައި އޭޑީކޭ ހޮސްޕިޓަލުގައި ނިޔާވީ،" އާސަހަރާގައި ހުންނަވައި މުނާ ވިދާޅުވި އެވެ.
އަހުމަދު މޫސާގެ މޫނު ބައްލަވާލެއްވުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އާސަހަރާއަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުންގެ ބޭބޭފުޅު އައްބާސް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
އާސަހަރާގައި ހުންނަވައި ރައީސް ނަޝީދު ވިދާޅުވީ އަހުމަދު މޫސާއަކީ "ވަރަށް އުފާވެރި މަޖާ" ބޭފުޅެއް ކަމަށެވެ. އައްބާސް އިބްރާހިމް ވިދާޅުވީ އަހުމަދު މޫސާއަކީ ވަރަށް ދީލަތި، ހިތްހެޔޮ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޖަމާއަތާއެކު ވަރަށް ގިނައިން ހައްޖަށް ވަޑައިގެންނެވި. ހައްޖަށް ވަޑައިގެން ވެސް ވަރަށް ގިނަ ބަޔަކަށް އެހީވެވަޑައިގަންނަވާނެ،" އައްބާސް ވިދާޅުވި އެވެ. "ވަރަށް ދީލަތި ބޭފުޅެއް އެއީ."
އަހުމަދު މޫސާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ޖަލާލުއްދީން މިސްކިތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ