ޕަތާން ގައި ސަލްމާން ކުޅޭ ރޯލަށް ފައިސާ ނަގަން އޭނާ ދެކޮޅު ހަދައިފި

ޝާހުރުކްހާން ލީޑް ރޯލުން ފެނިގެންދާ ޔަޝް ރާޖް ފިލްމްސްގެ "ޕަތާން" ގައި އެކްޓަރު ސަލްމާން ހާން ކުޅޭ ކެމިއޯ ރޯލަށް ފައިސާ ނަގަން އޭނާ ދެކޮޅު ހަދައިފި އެވެ.
މީގެ ކުރިން މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި ޕަތާންގައި ސަލްމާން އަދާކުރާ ރޯލުގެ މަންޒަރުތައް 10 ދުވަހުގެ ތެރޭގައި ނަގައި ނިމޭނެ އެވެ. އެހެންނަމަވެސް އެ 10 ދުވަހަށް ސަލްމާންއަށް ބޮޑު ފައިސާގެ އަދަދެއް ދޭން ޕްރޮޑިއުސަރު އަދިއްތިޔަ ޗޯޕްރާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެޏެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަލްމާންގެ މަންޒަރުތައް އިންޑިއާގެ މުމްބާއީގައި ވަނީ ނަގައިފަ އެވެ. ސަލްމާން އެ ފިލްމުގައި ފެނިގެން ދާނީ އޭނާގެ ފިލްމު "ޓައިގާ" ގެ ކެރެކްޓާ އިންނެވެ. އަދި "ޓައިގާ 3" ފެށޭނީ ޕަތާންގައި ވާހަކަ ނިމޭ ހިސާބުން ކަމަށްވެސް ރިޕޯޓުތައް ބުންޏެވެ.
ސަލްމާންގެ މަންޒަރުތައް ނަގައި ނިމުމާއިއެކު އަދިއްތިޔަ ވަނީ ސަލްމާންއަށް ދޭނެ ފައިސާއާއިމެދު މަޝްވަރާ ކުރަން ގޮސްފަ އެވެ. ފައިސާއެއް ނަގަން ދެކޮޅު ހަދަމުން ސަލްމާން ބުނެފައިވަނީ ޝާހުއަކީ ވަރަށް ގާތް މީހެއް ކަމަށާއި އޭނާއަށްޓަކައި ކޮށްދިން ކަމެއްގެ ގޮތުގައި "ޕަތާން" ގެ ރޯލު އަދާކުރިކަމަށެވެ.
ފަހުންވެސް ސަލްމާންއާއި އިތުރަށް މަޝްވަރާ ކުރުމަށް އަދިއްތިޔަ ދިޔަކަމަށް ވެއެވެ. އެހެންނަމަވެސް ޝޫޓިން ތެރެއިން ސަލްމާން ބުނެފައިވަނީ "ޕަތާން" ގައި ސަލްމާން އަދާކުރި ރޯލަކީ "ޓައިގާ 3" ގެ ބައެއް ކަމަށް ދެކިގެން، "ޓައިގާ 3" ގެ ފައިސާ ދިނުމުން އެ ނިމުނީ ކަމަށެވެ.
މިވާހަކަ ޝާހުއާއި ހިއްސާ ކުރުމުން ޝާހު ބުނީ "ބާއީ ތޯ ބާއީ ހޭ" މިހެންނެވެ. ޝާހުއާއި ސަލްމާން އާއި ދެތަރިންނަކީ މިފަހުން އައިސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައިސްފައިވާ ދެތަރިންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސަލްމާން ކޮށްދިން މަސައްކަތަށް އަދިއްތިޔަ އަގުހުރި ހަދިޔާއެއް ދޭން ދަނީ ތައްޔާރުވަމުންނެވެ،
"ޕަތާން" އާއި "ޓައިގާ 3" ގެ ޝޫޓިން މިވަގުތަށް މެދުކަނޑާލާފައިވާއިރު ޔަޝް ރާޖްއިން ދަނީ ސްޕައި ޔުނިވާސްއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔަޝް ރާޖްގެ ހުރިހާ ސްޕައި ކެރެކްޓާތައް އެއް ފިލްމަކުން ދައްކަން އަންނަ އަހަރު މަސައްކަތް ފަށާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ