ނުތަނަވަސްކަމަށްފަހު ފުރަތަމަ ފަހަރަށް ރަސްގެފާނު އަބްދުﷲ އަދި ކޮށްކޯފުޅު ހަމްޒާ އެކުގައި

ޖޯޑަންގެ ޝާހީ އާއިލާގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމަށްފަހު ރަސްގެފާނު އަބްދުﷲ އާއި، ގޭގައި ބަންދުކުރި ކޮށްކޯފުޅު އަދި ކުރީގެ ވަލީއަހުދު ޕްރިންސް ހަމްޒާ ބިން އަލްހުސައިން އެކުގައި ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފިއެވެ.
ޝާހީ އާއިލާގެ އިތުރު ބޭފުޅުންނާއެކު މި ދެބޭފުޅުން އެކުގައި ފެނިގެން ގޮސްފައިވަނީ ޖޯޑަންގައި ރަސްކަންކުރަން ފެށީތާ 100 އަހަރުވުން ފާހަގަކުރުމުގެ ގޮތުން ކުރީގެ ރަސްގެފާނުގެ މަޤުބަރާއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ.
ޖޯޑަންގައި އުފެދިފައިވާ ނުތަވަސްކަމުގެ ވާހަކަ އެންމެ ބޮޑަށް ދެކެވިފައިވަނީ އެޤައުމުގެ ކުރީގެ ކްރައުން ޕްރިންސް އަދި ރަސްގެފާނުގެ އެއްބަފާ ކޮށްކޯފުޅު ޕްރިންސް ހަމްޒާ ގޭބަންދުކުރި ހިސާބުންނެވެ.
ރަސްގެފާނު އަބްދުالله ގެ ރަސްކަމާއި ދެކޮޅު ރޭވުންތަކެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަސްގެފާނުގެ އެއްބަފާ ކޮށްކޯފުޅު ގޭބަންދު ކުރިއިރު ރަސްކަމާއި ދެކޮޅަށް ރާވަމުންދިޔައީ ޤައުމުގެ ހަމަޖެހުމާއި އަމަން ނަގާލުމަށް ބޭރުގެ ބަޔަކު ފަހަތުގައި ތިބެ, އެޤައުމުގެ އިތުރު ސިޔާސީ ބަޔަކާގުޅިގެން ކަމަށް ތުހުމަތު ކުރެއެވެ.
ޖޯޑަންގެ ހަމަޖެހުން ނަގާލުމަށް އެޤައުމުގެ ޤަބިލާތުގެ އިސްވެރިންތަކަކާ ސިޔާސީ ބަޔަކު ގުޅިގެން ރާވާކަމުގެ ތުހުމަތުގައި 15 މީހުން ހައްޔަރުކުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ޝާހީ އާއިލާއަށް ނިސްބަތްވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ. އޭގެތެރެއިން ފާހަގަކުރެވެނީ ގޭބަންދު ކުރި ރަސްގެފާނުގެ ކޮށްކޯފުޅު ޕްރިންސް ހަމްޒާއާއި ރަސްގެފާނުގެ ގަނޑުވަރުކޮޅު އިސްމަގާމެއް މީގެ ކުރިން ފުރުއްވި ބައްސާމް އަވަދުالله އެވެ.
ގޭބަންދުކުރުމާއި އެކު ޕްރިންސް ހަމްޒާ ވަނީ ބީބީސީއަށް ފޮނުވި ވީޑީއޯ މެސެޖެއްގައި ގޭގައިބަންދުކުރިކަން ކަށަވަރު ކޮށްދީ, ރަސްގެފާނުގެ ވެރިކަމުގައި ކޮރަޕްޝަންގެ ކަންކަން އިންތިހާއަށް އޮތްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެއްވެސް މީހަކަށް މިނިވަންކަމާއެކު ބަސްބުނެ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނެތްކަމަށްވެސް ބުނެފައިވެއެވެ.
މިކަމުގެ ތެރެއިން ޝާހީ އާއިލާގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ރަސްގެފާނު އަބްދުالله އެހީތެރިކަމަށް އެދިވަޑައިގެންފައިވަނީ ބޮޑުބޭބޭފުޅު ޕްރިންސް ހަސަން ބިން ތަލާލްގެ އަރިހުންނެވެ. އަދި މެދުވެރިއެއްގެ ގޮތުން ޕްރިންސް ހަސަން ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ޕްރިންސް ހަމްޒާގެ ތާއީދު ރަސްގެފާނު އަބްދުاللهއަށް އޮތްކަމަށާއި ޤައުމުގައި އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ ޕްރިންސް ހަމްޒާ ސިޓީއެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޖޯޑަންގައި ހިނގާދާ ކަންކަމުގެ ފަހަތުގައިވާ ބޭރުގެ ފަރާތަކީ ސައުދިއަރަބިއްޔާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެގޮތަށް އެންމެ ބޮޑަށް ތުހުމަތު ކުރެވިފައިވަނީ ރަސްގެފާނު ގަނޑުވަރުކޮޅުގެ އިސްމަގާމެއް މީގެ ކުރިން ފުރުއްވި ބައްސާމް އަވަދުالله މިމައްސަލައާ ގުޅިގެން ހައްޔަރު ކުރުމުންނެވެ. ޖޯޑަން އަދި ސައުދީއަރަބިއްޔާގެ ސިޓިޒަންޝިޕްވެސް އޮންނަ ބައްސާމް އާ ގުޅުވާ ސައުދީއަށް މިތުހުމަތު ކުރަނީ އޭނާއަކީ ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ އިކޮނޮމިކް އެޑްވައިޒަރަށްވުމާ ގުޅިގެންނެވެ.
ސައުދީއަށް މިކަމުގައި ތުހުމަތު ކުރެވުނުއިރު ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ހިމެނޭގޮތަށް ސައުދީގެ އޮފިޝަލުންތަކެއް ވަނީ ޖޯޑަންއަށް ގޮސް ރަސްގެފާނު އަބްދުاللهއަށް ސައުދީގެ ތާއީދު އޮތްކަން ހާމަކޮށްފައެވެ. އަދި ސައުދީއާ ގުޅިގެން ދެކެވޭވާހަކަތައް ވެސް އެ ޤައުމުގެ އޮފިޝަލުން ވަނީ މީޑިއާގައި ދޮގުކޮށްފައެވެ.
ޖޯޑަންގެ ރަސްގެފާނު އަބްދުالله އަކީ މުސްލިމް ލީޑަރުންގެތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚުސިއްޔަތެވެ. ރަސްގެފާނު އަބްދުالله އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އަރަބި އިސްލާމީ ޤައުމުތަކުގެ ހަމަޖެހުމަށް މަސައްކަތްކުރައްވާ ވެރިއެއްގެ ގޮތުގައެވެ. ހާއްސަކޮށް ސީރިއާ އަދި ފަލަސްތީންގެ މައްސަލައިގައި ރަސްގެފާނު އަބްދުالله ގެ މަސައްކަތް އެޤައުމުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ